މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރުން ފާޑު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ ޕަބްލިކް ސާވިސް މީޑިއާގެ ބިލަށް ބަހުސް ކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ އެމްއެމްސީއާ ބްރޯޑްކޮމް އަކީ ގާނޫނީ ގޮތުން ބާރުތަކެއް ދީފައިވާ ދެ މުއައްސަސާ ކަމަށާއި އެހެންނަމަވެސް އެ ދެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް 24 ގަޑިއިރު މި ފެންނަނީ ދިވެހިރާއްޖޭގެ ހުރިހާ މީޑިއާތަކުން ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއް ބައެއްގެ އަބުރު ކަތިލަމުންދާ މަންޒަރު. މި ނޫން އެހެން ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިއީތޯ އަޅުގަނޑުމެންގެ މިނިވަން ކަމަކީ. މީޑިއާ އަށް ދެވޭ މިނިވަން ކަމަކީ އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުންތޯ. ނޫނިއްޔާ މީހުންނަށް ފުރައްސާރަ ކުރުންތޯ. މީހުންގެ އަބުރު ކަތިލުންތޯ،" ދީދީ ވިދާޅުވި އެވެ.

މި ބިލަށް ބަހުސް ކުރައްވަމުން އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ އެމްއެމްސީ އަކީ ރާއްޖޭގެ މީޑިއާގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އެންމެ މުހިއްމު ތަން ކަމަށެވެ.

މި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާގެ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށާއި މި ބިލުގެ ސަބަބުން ރާއްޖޭގެ މީޑިއާ އަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑުމެން އެބަޖެހޭ މީޑިއާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރަނގަޅު މުސާރައެއް ދޭން. ރެއާ ދުވާލު ބުރަ މަސައްކަތް ކުރާ ބައެއް އެއީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި އިވެންޓުތައް އެބޭފުޅުން ކަވަރު ކުރަމުންދާއިރު އެބޭފުޅުންނަށް ބޭނުންވާ ތަމްރީންތައް އެބަޖެހޭ ހޯދަން،" ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލު ގާނޫނަކަށް ވުމާއެކު މިހާރު އަމަލު ކުރަމުން އަންނަ މޯލްޑިވްސް ބްރޯޑްޓިން ކޯޕަރޭޝަން ގާނޫނު އުވޭނެ ކަމަށާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަން ހިންގުމަށް އެ ގާނޫނުގެ ދަށުން އައްޔަން ކޮށްފައިވާ މެނޭޖިންގް ޑިރެކްޓަރުންގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ޕަބްލިކް ސާވިސް މީޑިއާ" ގެ ބިލް ގާނޫނަކަށް ވުމާ އެކު މިހާރު އަމަލު ކުރަމުން ގެންދާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެ ގާނޫނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ތައާރަޒުވާ އުސޫލެއް ނުވަތަ މާއްދާއެއް ހިމެނޭ ކަމުގައިވާނަމަ، އެ ގަވާއިދެއް ނުވަތަ އުސޫލެއް އެ ގާނޫނާ ތައާރަޒުވާ މިންވަރަކަށް އަދި އެ ގާނޫނުގެ ބޭނުމަށްްޓަކައި ބާތިލް ވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިންގް ބޯޑު އެކުލަވާލައި، ބޯޑުގެ އިސް މަގާމުތަކަށާއި، ޕަބްލިކް ސާވިސް ހިންގުމުގެ އެންމެ އިސް މަގާމުތަކަށް އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މީހުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ހިންގާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަައްވާ ހަތް މެމްބަރުންގެ ބޯޑަކުންނެވެ.