ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާލައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ޖަލުތަކާއި ޕެރޯލުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހުގައި ބުނާ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ގެއްލޭނެ އެވެ. އެހެންކަމުން އެ ވަގުތުން ފެށިގެން އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ހުސްވެގެންދާނެ އެވެ.

ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ނަޝީދާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

މުއާޒު ވިދާޅުވީ ރައީސް ޖުމްހޫރިއްޔާ އެބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވީ އެ ބިލުގެ 32 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުތައް ބަދަލު ކުރުމަށް އެދިވަޑައިގަންނަވާތީ ކަމަށެވެ. ހުކުމެއް ނެތި ބަންދުގައި ހުންނަ މުއްދަތުގައި ވެސް ޕާޓީއެއްގައި ހުރުމުގެ ހައްގު ނުލިބޭ ގޮތަށް އޮތުން ބަދަލު ކުރުމަށާއި ގާނޫނު އަސާސީން ލިބިދޭ މިނިވަން ކަމާއި ތައާރަޒުވާ ކަންކަން ހުރުމުން އެ ކަންކަން އިސްލާހު ކުރުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައި ކަމަށް މުއާޒު ވިދާޅުވި އެވެ.

އެ ބިލުގެ ބައްތިރީސް ވަނަ މާއްދާގެ ހަ ވަނަ ބާބުގެ 63 މާއްދާގައި ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުގެ ނިސްބަތްވުމުގެ އިތުރުން އެ އިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށް ބުނެފައިވެ އެވެ.

މުއާޒު ވިދާޅުވީ އެ މާއްދާ ދެ ގޮތަކަށް މާނަ ކުރުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ. އެގޮތުން ހުކުމެއްނެތި ޖަލުގައި ބަންދުކުރެވިފައި ހުންނަ އިރު ވެސް ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް ނިސްބަތްވުމުގެ ހައްގު ލިބިގެން ނުވާ ކަމަށް މާނަ ކުރުމުގެ ފުރުސަތު އޮތް ކަން ފާހަގަ ކުރެވޭތީ އެކަން ބަދަލު ކުރެއްވުމަށް ރައީސް އެދިލައްވާ ކަމަށެވެ. އެހެންކަމުން ހުކުމް ތަންފީޒް ކުރަމުން ނުގެންދާ ފަރާތްތައް އެއިގެން އިސްތިސްނާވާގޮތަށް އެ މާއްދާއަށް ބަދަލުގެނައުމަށް ރައީސް އެދިލެއްވިއެވެ.

"ހުކުމެއް ތަންފީޒް ކުރަމުން ނުދާ މީހުން ހިމެނޭ ގޮތަށް ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކުގެ މެމްބަރު ކަމުގައި ނުހުރެވޭނަމަ އެކަމުގެ ސަބަބުން މެމްބަރަކަށް ވުމަށް ހުށައަޅާއިރު ކުށުގެ ރެކޯޑްބެލުން ފަދަ އިތުރު ކަންކަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި ޖަލުގައި ބަންދުކުރެވޭއިރު މެމްބަރުކަމުން ވަކިވާނަމަ މެމްބަރުންގެ ދަފްތަރު ބެލެހެއްޓުމަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށް ފާހަގަ ކުރައްވާފައިވޭ،" މުއާޒު ވިދާޅުވި އެވެ.

ބިލުގެ 32 ވަނަ މާއްދާގެ ހަ ވަނަ ބާބުގެ 66 މާއްދާގައި ޖަލުން ބޭރުގައި ބޭއްވޭ ގައުމުގެ އެކިއެކި ސަގާފީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެންނުވެ އެވެ. އަދި ޖަލު ތެރޭގައި އެފަދަ ސަގާފީ ހަރަކާތްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ގޮތެއްގެ މަތިން ކަމަށް ބުނެފައިވެ އެވެ.

މުއާޒު ވިދާޅުވީ އެ މާއްދާގެ އިބާރާތްކުރެވިފައިވާ ގޮތުން ގާނޫނު އަސާސީއިން ލިބިދޭ މިނިވަންކަމާއި ހައްގުތައް ހިފެހެއްޓުމަށް ކޮންމެ ހެން ބޭނުންވާވަރަށްވުރެ ބޮޑަށް އަދި ޑިމޮކުރަޓިކް މުޖުތަމައެއެއްގައި އެ ހައްގު ހިފެހެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލް ކުރެވޭ މިންވަރަށްވުރެ ބޮޑަށް އެ ހައްގުތައް ހިފެހެއްޓިފައިވާ ކަމަށް ރައީސް ގަބޫލް ކުރައްވާތީ އެކަން އިސްލާހު ކުރެއްވުމަށް ލަފާދެއްވާފައިވާ ކަމަށެވެ.

އެ ބިލުގެ 32 ވަނަ މާއްދާއިން ހަ ވަނަ ބާބުގެ 67 ވަނަ މާއްދާގައި ރާއްޖެއިން ފުރައިގެން ދިއުމާއި ދިވެހި ރާއްޖޭގެ އެކިތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމާއި ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ގައިދީންނާއި ބަންދު މީހުންނަށް ލިބިދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކެއްގައި ބަޔާންކޮށްފައިވާ މިންވަރަށް އެކަނިކަމަށް ބުނެފައިވެ އެވެ.

މުއާޒު ވިދާޅުވީ އެ މާއްދާގައި އެގޮތަށް ބަޔާން ކޮށްފައިވާއިރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއް ރަށަކަށް ހިޒުރުކުރުމުގެ ހައްގު ހިފެހެއްޓުމަށް ކޮންމެހެން ބޭނުންވާވަރަށްވުރެ ބޮޑަށް ހިފެހެއްޓީފައިވާތީ އެމާއްދާ ގާނޫނު އަސާސީ އާއި ތައާރަޒު ކަމަށް ރައީސް ގަބޫލް ކުރައްވާތީ އެކަން އިސްލާހް ކުރުމަށްވެސް އަންގާފައިވާ ކަމަށެވެ.