ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޝަރީއަތް ހިނގި ގޮތުގެ ރިޕޯޓް ސުޕްރީމް ކޯޓުން ފޮނުވުމުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާގެ މެމްބަރު، އަހްމަދު ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާއި ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން "ސަން"އަށް ވިދާޅުވީ އެ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ނުވަނީ ޝަރީއަތް ހިންގި ގޮތުގެ ރިޕޯޓް ސުޕްރީމް ކޯޓުން ނުފޮނުވާތީ ކަމަށެވެ. އަދި ރިޕޯޓު ލިބުމުން އެކަމުގެ މައުލޫމާތު ދެއްވާނެ ކަމަށް ސުލެއިމާން ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެމަބަރު ކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން 60 ދުވަހުގެތެރޭ މެމްބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.