07 Apr 2015, 12:47
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން 2-1ގެ ނަތީޖާއަކުން ބަލިވެ، މެންޗެސްޓާ ސިޓީއަށް ލީގު ކާމިޔާބު ކުރުމުގެ އުންމީދުތައް އިތުރަށް ފަނޑު ވެއްޖެ އެވެ.
ރޭގެ ނަކާމިޔާބީއާ އެކު ސިޓީ މިހާރު އޮތީ 61 ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އަދި 62 ޕޮއިންޓާއި 63 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓަޑާއި އާސެނަލް ތާވަލްގެ ތިންވަނަ އާއި ދެވަނައިގައި އޮތް އިރު، އެ ޓީމުތަކަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ޗެލްސީ އަދިވެސް ދަނީ 70 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައިގައި ރަސްކަން ކުރަމުންނެވެ.
ރޭގެ މެޗު ޕެލެސް ފެށި ރަނގަޅު ހަމަލާއަކާ އެކީ އެވެ. ނަމަވެސް ޕެލެސްގެ ކެލީ ނަގައިދިން ހުރަހުން ޒާހާ އުފެއްދި ޝޮޓު ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށެވެ. ލިބުނު ފުރަތަމަ ޝޮކާ އެކު ސިޓީ ވަނީ މެޗުގައި ކުޅުން ރަނގަޅުކޮށް، ޕެލެސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓް ކުރަމުން ދިޔަ ސިޓީގެ ސާޖިއޯ އަގުއޭރޯ 19 ވަނަ މިނެޓުގައި ނެގި ބާރު ޝޮޓު ޕެލެސްގެ ގޯލް ދަނޑިއަށް އަމާޒުވި އިރު، އެ ހާފްގައި ސިޓީ އުފެއްދި ގިނަ ހަމަލާތަކެއް ޕެލެސްގެ ކީޕަރު ސްޕެރޯނީ އާއި ޑިފެންޑަރު ޑޭން ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.
ލީޑު ހޯދަން ސިޓީ ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މެޗުގެ ލީޑު ފުރަތަމަ ނެގީ ޕެލެސް އެވެ. ޕެލެސްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ކޯނަރެއްގައި ސިޓީއަށް ބޯޅަ ސާފު ނުކޮށްލެވި އުޅެނިކޮށް، ޕެލެސްގެ ޑޭން ކުރިއަށް ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ހާޓްގެ ފައިގައި ޖެހިފައި ބޭއްރަށް ނިކުތުމުން، ކައިރީގައި ހުރި ޕެލެސްގެ ގްލެން މުރޭ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިންނެވެ.
ޕެލެސް ލީޑު ނެގުމުން ވަގުތުކޮޅަކަށް ސިޓީގެ ކުޅުން ދަށްވެގެން ދިޔަ ނަމަވެސް، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު އެ ޓީމް ވަނީ ހަމައަކަށް އެޅި، ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ދެވަނަ ހާފް ފެށިތާ ތިން މިނެޓުތެރޭ ޕެލެސް ވަނީ ދެ ލަނޑަށް އެ ޓީމުގެ ލީޑު ފުޅާ ކޮށްލާފައެވެ. ޕެލެސްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ މިޑްފީލްޑަރު ޖޭސަން ޕަންޗަން އެވެ.
ދެ ލަނޑުގެ ލީޑެއް ހޯދުމަށް ފަހު މެޗުގައި ޕެލެސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް، ދެވަނަ ހާފްގެ ބޮޑު ބައިވެސް ކޮންޓްރޯލް ކޮށްފައި ވަނީ ސިޓީ އެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާމިރު ނަސްރީ ދިން ޕާހަކުން، ސިޓީގެ ޔާޔާ ޓޫރޭ ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ފަހު ވަގުތާ ޖެހެންދެންވެސް ނަތީޖާ ހަމަހަމަ ކުރެވޭތޯ ސިޓީ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ފަހު ވަގުތުކޮޅު އެ ޓީމްގެ ނަސްރީ އާއި ޓޫރޭއަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް، ސްޕެރޮނީގެ ރީތި ސޭވަކާއެކު ޕެލެސް ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކުރިޔަ ނުދީ ހިފައްޓާލާފައެވެ.