ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި 15 މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ އެމީހުންގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މުހުތާޒު ވިދާޅުވީ އެއާޕޯޓުގައި މުޒާހަރާ ކުރި ފުރަތަމަ ފަހަރު ކަމުގައި ވިޔަސް ދޫނުދީ ދައުވާ ކޮށްފައި ވަނީ އެއީ ރާއްޖޭގެ އިގްތިސޯދުގެ މައި ނާރު ކަމުގައިވާތީ އާއި ސަލާމަތީގޮތުން ވެސް އެއީ ކުރުން ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ ކަމަށެވެ.

"އެއީ [އެއާޕޯޓަކީ] ރާއްޖޭގެ އިގްތިސޯދުގެ މައި ނާރަށް ވެފައި އަދި އޭގެއިތުރުން ސެކިއުރިޓީވައިސް އެއީ ކުރުން ރަނގަޅުކަމަކަށް ނުފެންނާތީ. އެކަމަކީ ފުރަތަމަ ފަހަރު ކުރި ކަމެއް ކަމުގައި ވިޔަސް ދޫދޭންޖެހޭކަމަށް ނުފެންނާތީ،" މުހުތާޒު ވިދާޅުވި އެވެ.

މިދިޔަ މާޗް މަހުގެ ކުރީކޮޅު އެއާޕޯޓުގައި މުޒާހަރާ ކުރި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައި ވަނީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދާއި މ. ފެހިފަތްގެ، ޔުމްނާ އާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ އާއި މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅާއި ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރާއި މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު އާއި ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރާއި ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ އާއި މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދާ އާއިހ. ޓިވެގާލައިޓް ފަރީޝާ އަހްމަދާއި މ. ތަންތާރަ، އާމިނަތު ޒިމްނާ އާއި ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ އާއި މ. ނިރޮޅު، އާމިނަތު ޝާނީޒު ސައީދާއި ގ. ދުވާފަރު، އާއިޝަތު މަމްދޫހާގެ އިތުރުން މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދުގެ މައްޗަށެވެ.