22 Feb 2011, 07:29
މި އަހަރުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ޓިކެޓް އަގުބޮޑުކުރުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ރުޅިއަތުވެއްޖެ އެވެ.
"ކޯޕަރޭޓް ވިސްނުމަކުން ބަލާއިރު މިއީ ރަނގަޅު ކަމެއްނޫން. އަހަންނަށް ނުވިސްނޭ (ޔޫއޭފާ)އިން ޓިކެޓް އަގުބޮޑު ކުރި ސަބަބެއް. މިކަމުގައި ކުލަބުތަކަށް، މެނޭޖަރުންނަށް، ކުޅުންތެރިންނަށް ކުރެވޭނެ ކަމެއްނެތް،" މިހާތަނަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކޯޗު ބުންޏެވެ.
ފާގަސަން އަކީ ޓިކެޓް އަގުބޮޑުކުރުމުން އެކަމާ ބެހޭ ގޮތުން މިހާތަނަށް މީޑިޔާގައި ވާހަކަދެއްކި ފުރަތަމަ ކޯޗެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ މިހާރުގެ އަގަކީ އެޑްމިނިސްޓްރޭޓިވް ފީއާއެކު 176 ޕައުންޑެވެ. މި ކެޓަރީގެ 11000 ޓިކެޓް ވިއްކާނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭ ދެ ކުލަބުތަކުގެ ސަޕޯޓަރުންނަށް އެންމެ އަގުހޮޔޮ ޓިކެޓް ލިބޭނީ 80 ޕައުންޑަށެވެ. އެއީ އެޑްމިން ފީ އެއް ނެތި ސީދާ ކުލަބު މެދުވެރިކޮށް ޓިކެޓް ލިބޭތީ އެވެ. ފައިނަލް ކުޅޭ ކޮންމެ ކުލަބަކުން ސަޕޯޓަރުންނަށް 25000 ޓިކެޓް ވިއްކާނެ އެވެ.
ނަމަވެސް ޔޫއޭފާއިން ވަނީ ޓިކެޓްގެ އަގުބޮޑު ކަމަށް ދައްކާ ވާހަކަތަކާ ދެކޮޅު ހަދައިފަ އެވެ. މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅޭނީ އިނގިރޭސި ވިލާތުގެ ވެންބްލީ ސްޓޭޑިއަމުގަ އެވެ. އެ ދަނޑުގެ ޖާގަ އަކީ 940000 އެވެ.