07 Apr 2015, 10:31
ކައުންސިލްތަކުގެ އުމުރު، ގާނޫނު އަސާސީން އުނިކުރުމަށް ފަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ގާނޫނަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހަޅުއްވާފައިވާ އިސްލާހު ފާސްކުރުމަށް ގައުމީ ސަލާމަތު ކޮމިޓީން ނިންމައިފި އެވެ.
މިގޮތަށް އިސްލާހު ފާސްކުރުމަށް ހުށަހަޅުއްވާފައި ވަނީ ކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރަންޖެހޭ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.
ހަމައެއާއެކު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ އެ ގޮތަށް އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ ދަށުން އުފެދި ހިންގަމުންދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ރައްޔިތުންނަށް ފައިދާކުރަނިވި ކަމެއް ކަމަށެވެ. އަދި ހަމައެއާއެކު އެ ނިޒާމަކީ ނަތީޖާ ހާސިލުކުރަނިވި މިންގަނޑުތަކުގެ ތެރޭގައި ގާއިމްވެފައިވާ ނިޒާމަކަށް ވާންޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.
"ގާނޫނުގައި ކުރިން ނަންގަނެވުނު ނިޒާމާ ގުޅޭ ތަފްސީލްތައް ގާނޫނު އަސާސީއަށް ވުރެ ފުޅާ ގޮތެއްގައި ލިޔެވި ބަޔާން ކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ހިނދު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސަކީ އެކައުންސިލްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރެވޭ ބައެއްގެ ގޮތުގައި އޮތުމަށް ވުރެއް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވައިލެވޭނެ އެންމެ ފުރިހަމަ ގޮތް،" އިސްލާހު ހުށަހެޅުއްވި ސަބަބަކަށް އާމިރު ވިދާޅުވެފައިވެ އެވެ.