07 Apr 2015, 10:49
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖް/ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަން ސައިރެކްސް ކޮލެޖް ހޯދިއިރު، އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ކޮލެޖް ފޯ އިސްލާމިކް ސްޓަޑީސް (ސީއައިއެސް) ހޯދައިފި އެވެ.
އިންޓަރ ކޮލެޖް/ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަން ސައިރެކްސް ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލްގައި ވިލާ ކޮލެޖާ ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. މެޗުގެ ސެޓުތައް ސައިރެކްސްއިން ގެންދިޔައީ 19-25، 24-26 އަދި 22-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސައިރެކްސް ކޮލެޖުގެ އާދަމް ހަލީމެވެ.
ފައިނަލް މެޗަށް ފަހު ބޭއްވި އިނަމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ އެ މެޗުގެ ޝަރަފްވެރި މެހެމާން އަދި ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ލިބެރޯ، އަހުމަދު އާސިފް އާއި ވީއޭއެމްގެ އެކްސްކޯ މެންބަރު އަލީ ލަތީފެވެ.
މުބާރާތުގެ ފިރެހެން ޑިވިޝަނުން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ސައިރެކްސްގެ އާދަމް ހަލީމް އާއި ހަސަން އަގުލީލްގެ އިތުރުން، ވިލާ ކޮލެޖްގެ މުހައްމަދު އަމްޖަދު އާއި އަހުމަދު އައުޝަން އާއި މުހައްމަދު މިމްރާހު އަދި އެމްއެންޔޫގެ އަފްލަހު މުހައްމަދު އާއި ހަސަން މޫސާ އެވެ. އަދި ފިރެހެން ޑިވިޝަނުން މުބާރާތުގެ މޮޅު ކޯޗަކަށް ހޮވުނީ ސައިރެކްސްގެ ކޯޗު ޖުނައިދު އަބްދުﷲ އެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ސީއައިއެސް ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ނެޝަނަލް ޔުނައިވަރސިޓީ (އެމްއެންޔޫ)އާ ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. މެޗުގެ ސެޓުތައް ސީއައިއެސް ގެންދިޔައީ 22-25، 19-25 އަދި 23-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއައިއެސްގެ ފާތިމަތު ސަމާހު އެވެ.
މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޗެންޕިއަން ޓީމަށާއި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ފަރާތްތަކަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަދި ކުރީގެ ވޮލީ ކުޅުންތެރިޔާ މުހައްމަދު ލަތީފު އެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ސީއައިއެސްގެ ފާތިމަތު ސަމާހު އާއި ފާތިމަތު ސަބީހާ، ފާތިމަތު އަޒްލީފާ އަދި އައިޝަތު މާޝިތާގެ އިތުރުން، އެމްއެންޔޫގެ ސާރާ ޖޯސިފީނާ އާއި އައިމިނަތު ނަސްމާ އަދި ވިލާ ކޮލެޖްގެ އައިޝަތު އިމްތިނާން އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުން މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖް/ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތުގައި ހަތަރު އަންހެން ޓީމާއި ހަތަރު ފިރެހެން ޓީމު ވާދަކޮށްފައިވެ އެވެ. އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.