ދިމިޝްގު (އެޕްރީލް 7): ދިމިޝްގުގައި ހުންނަ ފަލަސްތީނުގެ އަލްޔަރްމޫކު ރެފިއުޖީ އަވަށަށް އައިއެސްގެ ހަނގުރާމަވެރިން ވަދެގަތުމާއެކު އެ އަވަށުގައި ދިރިއުޅޭ ރެފިއުޖީންގެ ޙާލަތު އިތުރަށް ގޯސްވެ އިންސާނީ ކާރިސާއަކަށް ބަދަލުވަމުންދާ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން އިންޒާރުކޮށްފި އެވެ.

އަލްޔަރްމޫކު ރެފިއުޖީ އަވަށުގެ ޙާލަތާބެހޭ ގޮތުން ރޭ އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި ޚާއްސަ ބައްދަލުވުމަކަށްފަހު ނެރުނު ބަޔާން އެހީދޭ ޖަމްއިއްޔާ ޖަމާއަތްތަކަށާއި ދުނިޔޭގެ ގައުމުތަކަށް ގޮވާލަނީ އެ އަވަށުގައި ދިރިއުޅޭ ރެފިއުޖީންނަށް އިންސާނީ އެހީގެ ތަކެތި އަވަސް ގޮތަކަށް ފޯރުކޮށް ދިނުމަށެވެ. އެ ބަޔާނުގައި އަލްޔަރްމޫކު ރެފިއުޖީ އަވަށުގައި ދިރިއުޅޭ ރެފިއުޖީންގެ ޙާލަތު އިންސާނީ ކާރިސާއަކަށް ބަދަލުވަމުންދާ ކަމަށް ސިފަކޮށްފައިވެ އެވެ.

އަލްޔަރްމޫކު ރެފިއުޖީ އަވަށުގައި ދިރިއުޅޭ އެތަށް ހާސްބަޔަކަށް ކުރިމަތިވެފައިވާ ހައިހޫނު ކަމާއި ބަލިމަޑުކަމާއި ހިޔާވަހި ކަމުގެ މައްސަލަ ޙައްލުކުރުމަށް އެ އަވަށަށް ކާބޯތަކެއްޗާއި ބޭހާއި ބޭހުގެ ބާވަތްތައް އަވަސް ގޮތަކަށް ފޯރުކޮށްދިނުމަށް އެޅިފައިވާ ހުރަހަކީ ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އެވެ. ސީރިޔާ ސިފައިންގެ ޙިސާރުގެ ދަށުގައި އަލްޔަރްމޫކު ރެފިއުޖީ އަވަށް ވަނިކޮށް އައިއެސް ގެ ހަނގުރާމަވެރިން މިދިޔަ ހަފްތާގައި އެތަނަށް ވަދެގަތުމާއެކު އެމީހުންނާ އިދިކޮޅު ޖަމާއަތެއްކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދުދަނީ ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.

އަލްޔަރްމޫކު ރެފިއުޖީ އަވަށަށް ވަދެގެންފައިވާ އައިއެސްގެ ހަނގުރާމަވެރިން އެ އަވަށުގެ ބޮޑުބައެއް އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައިވާއިރު ޖަބްހަތުއްނުސްރާ ޖަމާއަތުގެ ހަނގުރާމަވެރިން މަސައްކަތް ކުރަނީ އައިއެސްގެ ހަނގުރާމަވެރިން އެ އަވަށުން ބޭރުކުރުމަށެވެ. ދެފަރާތުގެ ޙަމަލާތަކާއެކު ރެފިއުޖީންގެ އާއިލާތައް އެތަން ދޫކޮށް ދާންބޭނުންވި ނަމަވެސް ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަމާއެކު ނުކުމެވޭނެ ގޮތެއްނެތި އެތަނުގައި އެމީހުން ވަނީ ތާށިވެފައެވެ. އަދި ޙަމަލާތައް ބަދަލުކުރަމުން ގެންދިޔުމުގެ ސަބަބުން އެހީދޭ ޖަމާއަތްތަކަށްވެސް އެއަވަށަށް ވަނުމުގެ ފުރްސަތުވަނީ ނުލިބިއެވެ.

މިކަމާބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމަޖިލީހުގެ މިދައުރުގެ ރައީސާ އދ. ގައި ހުންނަވާ އުރުދުންގެ ދާއިމީ ސަފީރާ ދީނާ ގަޢްވާރު ވިދާޅުވީ 18 ހާސް މީހުން ދިރިއުޅޭ އަލްޔަރްމޫކު އަވަށުގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ކަމަށާ ކާބޯތަކެއްޗާއި ބޭސް އަވަސް ގޮތަކަށް ފޯރުކޮށް ނުދެވިއްޖެނަމަ ހައިހޫނުކަމާއި ބަލިމަޑުކަމުގައި އެއަވަށުން ގިނަބަޔަކު މަރުވުމުގެ ބިރު އެބައޮތް ކަމުގައެވެ.

އަލްޔަރްމޫކު ރެފިއުޖީ އަވަށަކީ ކުރިން 50 ހާހަށްވުރެ ގިނަ ފަލަސްތީނުގެ ރެފިއުޖީން އުޅެމުން ގެންދިޔަ ތަނެކެވެ. ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ. ގެ އޮނަރުވާ އެޖންސީން އެއަވަށުގައި ގެދޮރު ބިނާކޮށް ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ކުޅިވަރުކުޅޭތަންތަން ވެސް ބިނާކޮށްދީފައިވެ އެވެ. ނަމަވެސް ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ މިހުރިހާ ތަންތަނެއްވަނީ ހަލާކުވެ ވީރާނާވެފަ އެވެ. ފާއިތުވި ހައެއްކަ މަސްތެރޭގައި އެއަވަށަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެވިފައިނުވާއިރު ރެފިއުޖީން ދިރިއުޅެނީ ބިރުވެރިކަމާއި ހައިހޫނުކަމާއި ބަލިމަޑުކަމުގެ ތެރޭގައި ކަމަށް އދ. ން ބުނެއެވެ. (އަލްޖަޒީރާ)