07 Apr 2015, 22:31
ވިޔަފާރިވެރިންނަށް ކަރަންޓުން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ތ. ވިލުފުށީ ވިޔަފާރިވެރިން ރައީސް އަބްދުﷲ ޔާމީނަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ވިލުފުށީގެ 22 ވިޔަފާރިވެރިއަކު ސޮއިކޮށް ރައީސް ޔާމީނަށް ފޮނުވި ޕެޓިޝަނުގައި ބުނެފައި ވަނީ، ވިޔަފާރީގެ ހުރިހާ ހަރަދަކާއި ބިލުތަކެއް ދެއްކުމަށް ފަހުވެސް މިހާރު ލިބެނީ "ކިރިޔާ ދެކޮޅު ޖެހޭވަރުގެ އާމްދަނީ އެއް" ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ކަރަންޓުން ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމުން ކަރަންޓު ވަނީ އަތް ނުފޯރާ ފަށަށް ބޮޑުވެފައި ކަމަށް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
"ކަރަންޓު ބިލުގެ ހަރަދު ހަމަޖެއްސުމަށްޓަކައި މިއަދު އަޅުގަނޑުމެންނަށް ވަނީ ހިދުމަތުގެ އަގު ނުވަތަ ވިއްކާ މުދަލުގެ އަގު މައްޗަށް ޖެއްސުމަށް މަޖުބޫރުވެފައި،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.
މިހާރު ކަނޑާލާފައިވާ ސަބްސިޑީ އަލުން އިއާދަ ކޮއްދެއްވުމަށް ނުވަތަ އާންމު ރައްޔިތުންގެ އަތުން ނަގަމުންދާ ރޭޓުން ވިޔަފާރިވެރިންނަށް ކަރަންޓު ދެއްވުމަށް ވިލުފުށީ ވިޔަފާރިވެރިން ރައީސް ޔާމީންގެ ކިބައިން ވަނީ އެދިފައެވެ.
ވިޔަފާރިވެރިންނަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ގިނަ ރަށްރަށުގައި ފިހާރަތަށް ބަންދުކޮށް ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައިވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.