މި އަހަރުގެ ސީޒަން ފެށުމުގެ ގޮތުން ކުޅުނު މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައި، 2015 ވަނަ އަހަރުގެ މައިލޯ ޗެރިޓީ ޝީލްޑް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އުފުލާލައިފި އެވެ.

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއަށް ފުރަތަމަ ލީޑު ހޯދަދިނީ 33 ވަނަ މިނެޓުގައި އެ ޓީމްގެ ސްޕެނިޝް ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ މާޒިޔާއަށް ލިބުނު ކޯނަރެއްގައި ނެގި ހުރަހުން ކެޕްޓަން އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު އެލީޝާ ދިފާއު ކުރުމުން، ލިބުނު ރީބައުންޑް ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މާޒިޔާގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެ ޓީމްގެ ފޯވާޑް އަހުމަދު ނާޝިދުގެ ފަރާތުންނެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ނިއުއަށް ފަހު ވަގުތު ލިބުނު ކޯނަރެއްގައި އެ ޓީމްގެ ކީޕަރު އެލީޝާ ކުރިއަށް އަރައި ހުއްޓައި، މާޒިޔާއިން އުފެއްދި ކައުންޓާއެގައި ޕަބްލޯ ދިން ޕާހަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމްގެ ހުސެއިން ނިޔާޒް (ބޮކުރީ)އަށް ލިބުނު ފުރުސަތެއްގައި، ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ނިއުގެ ގޯލު ހުރަސް ދަނޑިއަށެވެ. އޭގެ މިނެޓެއް ފަހުން ހަމަ އެހިސާބުން އޭނާ ދެވަނަ ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ދިފާއު ކުރީ ނިއުގެ ކީޕަރު އެލީޝާ އެވެ.

ފުރަތަމަ ހާފްގެ މެދުތެރޭ ދެ ޓީމްގެ ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. ނަމަވެސް އެ ހާފްގައި މާޒިޔާއަށް ލިބުނު ލީޑާއެކު އެ ޓީމް ވަނީ ފަހަތަށް ޖެހިލައި، ޑިފެންސަށް އިސްކަން ދީގެން ކުޅެފައެވެ. އަދި އެ ހާފްގެ ފަހު ވަގުތުކޮޅު މެޗު ޑޮމިނޭޓް ކުރަމުން ދިޔައީ ނިއު އެވެ.

މެޗުގެ ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށި ނިއު ވަނީ އެ ހާފްގެ ފުރަތަމަ ވަގުތުކޮޅު މާޒިޔާގެ ޑިފެންސަށް ޕްރެޝަރު ކޮށްފައެވެ. އެގޮތުން 57 ވަނަ މިނެޓުގައި ނިއުއިން އުފެއްދި ހަމަލާއެއްގައި، އެ ޓީމްގެ ކެޕްޓަން އައްސަދު އަލީ (އަޑޭ) ދިން ތްރޫ ޕާސް ނިއުގެ އިންގްލެންޑް ފޯވާޑް ޑޭވިޑް މޯލީއަށް ވަނީ ކުރިއަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

އެ ހާފްގެ މެދުތެރެއިން ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފަހު ވަގުތާ ޖެހެންދެންވެސް ނިއު ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޓީމަށް ވަނީ މާޒިޔާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. އަދި ފަހު ވަގުތު މާޒިޔާ ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު ނިއުއަށް ވަނީ މައިލޯ ޗެރިޓީ ޝީލްޑް ޖެހިޖެހިގެން ތިންވަނަ އަހަރަށް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި، އެ މެޗު ކާމިޔާބު ކުރި މާޒިޔާއަށް ފައިސާގެ އިނާމްގެ ގޮތުގައި ލިބުނު 50،000 ރުފިޔާ އެ ޓީމްގެ ފަރާތުން ހަދިޔާ ކޮށްފައި ވަނީ އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ދެވަނަ ލަނޑުގައި އެސިސްޓު ކޮށްދިން ޕަބްލޯ އެވެ.