ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި ވެރިރަށް ޓްރިޕޮލީގައި މިލިޔަން މީހުންގެ މުޒާހަރާއެއް ބޭއްވުމަށް ރައްޔިތުން ތައްޔާރުވަމުންދާ ކަމަށް ޚަބަރުލިބިއްޖެއެވެ.

ލީބިޔާގެ އެކްޓިވިސްޓެއް ކަމަށްވާ މުޚްތާރު މުޙައްމަދާ ހަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި މިމުޒާހަރާގެ ބޭނުމަކީ ޤައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމެވެ. މިކަންކުރެވޭނެ ކަމަށާއި ޤައްޒާފީއާ ދެކޮޅަށް ލީބިޔާގެ ގިނަރަށްތަކުގައި ރައްޔިތުން އުތުރިއަރަމުންދާތީ ޤައްޒާފީ ވައްޓާލެވުނު ކަމުގެ ޚަބަރު ލަސްތަކެއްނުވެ ދުނިޔެއަށާއި ޢަރަބިންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ މުޒާހަރާތަކުގައި 61 މީހަކު މަރުވި

މިއަދު ހަވީރު ޓްރިޕޮލީގައި ގައްޒާފީއާ ދެކޮޅަށްކުރި މުޒާހަރާގައި ލިބިޔާގެ ސަލާމަތީ ބާރުތަކުންނާއި ބޭރުގެ ކުލީސިފައިން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 61 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވި ކަމަށް މުޒާހަރާތަކުގައި ބައިވެރިވި ބައެއްމީހުން ބުނެއެވެ. ނަމަވެސް އިންޓަރނެޓާއި ޓީވީ ނެޓްވާކްތަކުގެ ގުޅުންތައް ލީބިޔާ ސަރުކާރުން ކަނޑާލާފައި ވުމުގެ ސަބަބުން ލީބިޔާގައި ހިނގަމުންދާ އުތުރިއެރުންތަކުގެ ޚަބަރުތައް ފުރިހަމަގޮތެއްގައި ލިބެމުންނެއް ނުދެއެވެ.

ޢަސްކަރީ މަތިންދާބޯޓުތަކުން މުޒަހަރާކުރާ ފަރާތްތަކަށް ވައިގެ މަގުން ޙަމަލާދީފި

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ލީބިޔާގެ ޢަސްކަރީ މަތިންދާބޯޓުތަކުން ވަނީ ޓްރިޕޮލީގައި މުޒާހަރާކުރާ ޢާންމުންނަށް ވައިގެ މަގުން ބޮމުގެ ހަމަލާތަކެއް ދީފައެވެ. ބައެއް އެކްޓިވިސްޓުން ވަނީ މިޚަބަރު ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ގައްޒާފީ ދިރިއުޅުއްވާ ޢަސްކަރީ ބޭސް ޙިސާރު ކުރުމަށް މަސައްކަތްކުރަނީ

މުޒާހަރާކުރާ ފަރާތްތަކުން މިހާރު ގެންދަނީ ޓްރިޕޮލީގައި ގައްޒާފީ ދިރިއުޅުއްވާ ޢަސްކަރީ ބޭސް ޙިސާރު ކުރުމަށް މަސައްކަތްކުރަމުންނެވެ. ލީބިޔާ ސިފައިންގެ ލަޝްކަރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމަށްފަހު ވަކިވެގަނެ ރައްޔިތުންނާ ބައިވެރިވެފައިވާ ސިފައިންގެ އެތަށް ސަތޭކަ ބަޔަކާއި ބައެއް އިސްއޮފްސަރުން، މުޒާހަރާކުރާ ފަރާތްތަކަށް އެހީތެރިކަން ދެމުންގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބެންޤާޒީ، ރައްޔިތުންގެ އަތްދަށުގައި

އަނެއްކޮޅުން ލިބިޔާގައި ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންޤާޒީ މިހާރުވަނީ ގައްޒާފީގެ ބާރުތަކުން މިނިވަންވެ ރައްޔިތުންގެ ކޮންޓްރޯލްގެ ދަށުގައެވެ. މިރަށުގައި ފޯރިމަރައި ރަށް ބަލަހައްޓަމުން ގެންދަނީ ލިބިޔާ ސިފައިންގެތެރެއިން ވަކިވެގެންފައިވާ ސިފައިންނާއި އޮފްސަރުންނެވެ.

ލީބިޔާގެ ޑިޕްލޮމޭޓުންނާއި ސަފީރުންގެ އެތައްބަޔަކު އިސްތިއުފާދީފި

އަނެއްކޮޅުން ގައްޒާފީގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން އެތަށް ސަތޭކަބަޔަކު މަރައި ހާހެއްހާ މީހުން ޒަޚަމްކޮށްލާފައިވާތީ ބޭރުޤައުމުތަކުގައި ތިއްބަވާ ލީބިޔާގެ ޑިޕްލޮމޭޓުންނާއި ސަފީރުންގެ ތެރެއިން އެތަށްބަޔަކުވަނީ އިސްތިއުފާދީ ގައްޒާފީ ވައްޓާލުމަށް ރައްޔިތުން ކުރާ ޖިހާދުގައި ބައިވެރިވާކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި އިންޑިޔާ، ޗައިނާ، ޢަރަބިލީގު، އދ. މަޖިލިސް، އިނގިރޭސިވިލާތް، ޕޮލެންޑް އަދި އިންޑޮނީޝިޔާއަށް ކަނޑައަޅާފައިވާ ލީބިޔާގެ ސަފީރުން ހިމެނެއެވެ. އަދި ލީބިޔާގެ ދީނީ ޢިލްމުވެރިން މިއަދުވަނީ ޤައްޒާފީގެ ވެރިކަން ވައްޓާލައި އޭނާގެ އަނިޔާވެރިކަމުން ލީބިޔާގެ ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ ޖިހާދުގެ ޢަމަލެއް ކަމަށް ސިފަކޮށް ފަތްވާއެއް ނެރެފައެވެ.

ލީބިޔާގެ ރައްޔިތުންގެ މެދުގައި މިހާތަނަށް ގައްޒާފީއަށް އޮތް ތާއީދު ގެއްލި އޭނާއާ ދެކޮޅަށް ތެދުވާނެހެން ހީނުވާ ފަރާތްތަކުންވެސް ހަށިފޮޅާލުމަށްފަހު ތެދުވާންފެށީ ވޭތުވެދިޔަ ދެތިންދުވަހު ބޭރުގެ ކުލީ ސިފައިންނާއި ގައްޒާފީގެ ޚާއްސަ ބާރުތަކުން ގޮތެއްފޮތެއް ބަލާނުލައި ބަރުހަތިޔާރު ބޭނުންކޮށްގެން ބެންޣާޒީގައި ކުށެއްނެތް 300 އެއްހާ މީހުން މަރާލައި 900 އެއްހާ މީހުން ޒަޚަމްކޮށްލުމުގެ ސަބަބުން އުފެދުނު ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ރޫޙުގެ ސަބަބުން ކަމަށް މުރާސިލުން ބުނެއެވެ.

ސައިފުލްއިސްލާމްގެ އިންޒާރު

ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ވަނީ އޭނާގެ ބައްޕަގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އުތުރިއަރާ އެރުމަކީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބެގެން ހިންގާ ފިތްނައާއި ބަޣާވާތުގެ ޢަމަލެއް ކަމަށް ސިފަކުރައްވައި ބައްޕަގެ ވެރިކަމުގެ ދިފާޢުގައި އެންމެ ފަހުގެ އުންޑައަށް ދާންދެން ހަނގުރާމަަކުރާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އިންޒާރު ދެއްވާފައެވެ. އަދި ރައްޔިތުންނަށް އޮތީ ގައްޒާފީގެ ސަރުކާރާ ވާހަކަ ދެއްކުން ނޫނީ އަހްލީ ހަނގުރާމައަކާ ކުރިމަތިލުން މިދެގޮތް ކަމަށް ވިދާޅުވެފައެވެ. -- އަލްޖަޒީރާ، ބީބީސީ