ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ކަރަންޓް ސަބްސިޑީ ވިޔަފާރިތަކަށް ދެމުން އައިއިރުވެސް ތަކެތީގެ އަގު ހެޔޮވިގެންދިޔަ ތަން ނުފެންނަ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން ކަރަންޓު ސަބްސިޑީއާ އެކު ވިޔަފާރިވެރިންނަށް ކަރަންޓުގެ ޚިދުމަތް ދިންނަމަވެސް ތަކެތީގެ އަގުތަކަށް އައި ހެޔޮ ބަދަލެއް ނުފެންނަ ކަމަށެވެ.

"2009 ވަނަ އަހަރުން ފެށިގެން އެރޭޓުގައި ސަބްސިޑީ ދެމުންދިޔައިރު ތަކެތީގެ އަގަށް ބަދަލެއް އައިތީ، އަގު ހެޔޮވިތޯ، އަގު އެއްވެސް ވަރަކަށް ބަދަލުވެގެން އައިތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، އަގުތައް ހައްތަހާ ބޮޑުވެގެން މިދިޔައީ ދެއްތޯ؟." މުޖުތަބާ ވިދާޅުވިއެވެ.

މިހާރު ކަނޑައަޅާފައިވާ ރޭޓަށްވުރެ ކުޑަ ރޭޓަކުން ވިޔަފާރިވެރިތަކުގެ ކަރަންޓު ބިލަށް ޗާޖުކުރިނަމަވެސް ވިޔަފާރިތަކުން މުދަލުގެ އަގު ހެޔޮކުރާނެކަން އެނގެން ނެތް ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2010 ވަނަ އަހަރު ސަބްސިޑީ ތައާރަފްކުރިއިރު 90 މިލިއަން ރުފިޔާއިން ކަރަންޓު ސަޕްސިޑީޒްދޭން ފެށިއިރު 2011 ވަނަ އަހަރު އެއަދަދު 410 މިލިއަނަށް އަރައިގެންދިޔަ ކަމަށެވެ. އަދި 2012 ގައި އެއަދަދު 450 މިލިއަނަށް އަރައިގެންދިޔަ ކަމަށާއި 2013 ވަނަ އަހަރު 750 މިލިއަން ރުފިޔާއަށް އަރައިގެން ގޮސްފައިވާއިރު މިދިޔަ އަހަރު އެއަދަދު 900 މިލިއަނަށް އަރާފައިވާ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

ކަރަންޓު ބިލް ކުޑަކުރުމަށް ވޯލްޑުބެންކުން ވެސް ލަފާދީފައިވާއިރު ކުރިން އޮތްގޮތަށް ސަބްސިޑީ ދުނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރަންޖެހެންޔާ މިއީ ކޮންމެހެން ނަގަންޖެހޭ ޑޭޒިޝަންއެއް، އަޅުގަނޑަށް އެނގޭ ޕޮލިޓިކަލީ އެއްވެސް ޕޮޕިއުލާ ކަމެއް އޮތް ކަމެއް ނޫންކަން،" މުޖުތަބާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒު ވިދާޅުވީ މި ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. މިހާރު ތަންފީޒު ކުރަމުންދާ އުސޫލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަނޑައެޅި އަގުތަކެއް ކަމަށާއި އޭރު ފާސްކޮށްފައިވާ އަގުތަކަށް ބިލުނުކޮށް އެކި ރަށްރަށުގައި ތަފާތު އަގުތަކުގައި ދެމުން ދިޔަ ސަބްސިޑީ މިހާރު ހަމަހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.