ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަށް ޖަލަށްލުމުން އެކަމާ ހިތްހަމަނުޖެހިގެން މަގުމައްޗަށް ނުކުމެ އިހްތިޖާޖު ކުރި ނަމަވެސް އެކަމުގެ ހައްލު އޮތީ މަގުމަތީގައި ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މާލޭ ސީޓީގެ ފުރަތަމަ މޭޔަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ "ހުކުރުފަސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ސިޔާސީ ކަންތައްތަކަށް ހައްލު ގެނެވޭނީ، ސިޔާސީ ގޮތުން ކަމަށެވެ. އެހެންކަމުން ސިޔާސީ ކަންތައް ހަލުކުރުމަށް ޖެހޭނީ މަޝްވަރާ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ހައްލު އޮތީ މަގުމަތީގައި ކަމަށް. ސިޔާސީ ކަންތައްތަކަށް ހައްލު ގެނެވޭނީ ސިޔާސީ ގޮތުން. މަޝްވަރާކޮށްގެން އެހެންނޫންތޯ ހައްލު ގެނެވޭނީ. ކަންތައްތަކުގައި ވާހަކަދައްކައިގެން،" އާދަމް މަނިކު ވިދާޅުވި އެވެ.

ސަން ޓީވީގެ ހުކުރު ފަސް ޕްރޮގްރާމްގައި ސަރަންގު އާދަމް މަނިކު (ކ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން އަންނަނީ ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ ރައީސް ނަޝީދު ޖަލުން މިނިވަން ނުކުރަނީސް އިހުތިޖާޖުކުރުން ހުއްޓާނުލާނެ ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ އެއްވެސް ސަރުކާރެއް މަގުމަތީން ވައްޓައިލުމަކީ ކުރެވިގެން ވާނޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ގޮތުން އިންތިޚާބު ކުރެވޭ ކޮންމެ ރައީސަކަށް ވެސް އިންތިޚާބީ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނުވާ ނަމަ ގައުމުގަިއ ހަމަނުޖެހުމާއި ތަފާތު މައްސަލަތައް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކަކީ ރައީސް މައުމޫންގެ ވެރިކަމުގައި، ސަރުކާރުން ހިންގާފައިވާ ޖިނާއީ މައްސަލަތައް ބެލުމަށް ރައީސް ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގަ އާއި އެ ކޮމިޝަންގެ ރައީސެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.