ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ދޫކުރަމުންދާ ލޯނުތަކަށް ބަދަލުގެނެސް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލޯނު ލިބޭނެ ފުރުސަތު ހޯދައި ދިނުމަށް، ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް އެބެންކުން ބުނެފިއެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކު މިހާރު އޮތީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހުޅުވާލެވިފައި ކަމަށެވެ. ކުރިއަށްއޮތްތަނުގައި ލޯނުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"މިހާރު ބޭންކުން ދޫކުރާ ލޯނުތަކަށް ގެންނަ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި އަޅުގަނޑުމެން ހާމަކުރާނަން. އަދި ހަމައެހެންމެ އާ ލޯނުވެސް ތަޢާރަފްކުރެވިގެންދާނެ. ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވި އަދި ލޯނު ލިބުމަށް ނަގާ މުއްދަތު ކުޑަކުރެވިގެން ދިޔުމަކީ ވެސް އަޅުގަނޑުމެންގެ އަމާޒެއް،" އެންޑްރޫ ވިދާޅުވިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ބީއެމްއެލްގެ ލޯނު ދިނުމުގެ ނިޒާމަށް ގެންނަ ބަދަލުތަކާއެކު ފަސޭހައިން އަވަހަށް ލޯނު ހަމަޖެހޭނެ އުސޫލާއި ލޯނު ދިނުމުގަައި ބަލާ ޝަރުތުތަކަށް ބަދަލުތަކެއް ގެންނާނެއެވެ.

އެ ބޭންކުން މިހާތަނަށް އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރިއަށްއޮތްތަނުގައި ގިނަ ފަރާތްތަކަކަށް ލޯނު ލިބޭނެ ގޮތްތަކެއް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން މިހާރު ދޫކުރަމުންދާ ލޯނުތަކާއި އަލަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ލޯނުތަކުގެ އިތުރު ތަފްސީލް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް އޮތް ހަފްތާތަކުގައި ބޭންކުން ހާމަކުރާނެ ކަމަށެވެ.