06 Apr 2015, 19:11
މޯލްޑިވްސް ޕޮލީޓެކްނިކުން 2014 ވަނަ އަހަރު ހިންގި ހަ ކޯހެއް ފުރިހަމަކޮށް ދަސްވެނިވެފައިވާ ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
ޕޮލިޓެކްނިކްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ދަރުވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
ޕޮލިޓެކްނިކުން މިދިޔަ އަހަރު ހިންގި ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯހުން 25 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި ސެޓްފިކެޓް 4 އިން އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ކޯހުން 18 ދަރިވަރަކު ދަސްވެނިވެފައިވާ އިރު ސެޓްފިކެޓް 3 އިން އިންޖީން ރިޕެއާ އެންޑް މެއިންޓަނެންސް ކޯހުން ހަތަރު ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.
އޭގެ އިތުރުން ސެޓްފިކެޓް 4 އިން އިންޖީން ރިޕެއާ އެންޑް މެއިންޓަނެންސް ކޯހުން 15 ދަރިވަރަކު ދަސްވެނިވެފައިވާ އިރު ސެޓްފިކެޓް 3 އިން ރެފްރިޖިރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯހުން ފަސް ދަރިވަރަކު ދަސްވެނިވެފައިވާ އިރު ސްޓެފިކެޓް 4 އިން ވުޑެން އެންޑް ފައިބާ ގްލާސް ބޯޓްބިލްޑިން ކޯހުން ދެ ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.
ސެޓްފިކެޓްތައް ހަވާލުކޮށްދެއްވުމަށްފަހު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގައި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން ވަރަށް މުހިންމު ދަރުއެއް އަދާކުރާ ކަމަށެވެ. އަދި ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި ޕޮލީޓެކްނިކުން ހުނަރު ލިބުނު ދަރިވަރުންގެ އަދަދު ދަށަށްގޮސްފައިވީ ނަމަވެސް މި އަހަރު އެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.
"ފާއިތުވެދިޔަ އަހަރު އަޅުގަނޑުމެން އަމާޒު ހިފީ ޕޮލިޓެކްނިކްގެ ދަރިވަރުންގެ އަދަދު 1000 އަށް މަތިކުރުން. ﷲގެ ހެޔޮ ރަހުމަތްފުޅާ އެކު އެ ލަނޑުދަނޑި އަޅުގަނޑުމެންނަށް މިވަނީ ހާސިލްވެފައި. މިފަދަ ކަމެއް ހާސިލްކުރުމުގައި މި މުއައްސަސާގެ ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕޮލިޓެކްނިކުން ވަނީ އެ އިދާރާއިން މިއަހަރު ފަށަން ހަމަޖެހިފައިވާ ކޯސްތަކެއް ވެސް އިއުލާނުކޮށްފައެވެ.