އައިފޯން 6 ޕްލަސް ޖީބަށް ލުމުން ލެނބޭ ވާހަކަ ދެއްކި ދުވަސް ހަނދާން ވޭ ހެއްޔެވެ؟ އެކަމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އައިފޯނަށް ހަޖޫޖަހާފައިވެސް ވެއެވެ. އޭގެ ތެރޭގައި ސެމްސަން ހިމެނެއެވެ. ނަމަވެސް މިއަދު ސެމްސަން އަށްވެސް ވަނީ ހަމަ އެ މައްސަލަ ޖެހިފައެވެ. އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ގެލެކްސީ އެސް ސިކްސް އެޖް ވެސް ބަނޑިވާ ކަމަށް ބަޔަކު ހެދި ތަހުލީލުތަކަކުން ދައްކައިފި އެވެ.

ރޮބޮޓެއް ބޭނުންކޮށްގެން ހެދި އެކްސްޕެރިމެންޓްގައި އައިފޯނު ބަނޑިކޮށްލުމަށް ބޭނުންކުރާ ޕްރެޝަރަށްވުރެ ކުޑަ ޕްރެޝަރަކުން ގެލެކްސީ އެސް ސިކްސް އެޖް ބަނޑި ކުރެވޭ ކަމަށް އެ ތަހުލީހުން އެނގުނެވެ.

އައިފޯން ބަނޑިކޮށްލަން 80 ކިލޯގްރާމްގެ ބަރުދަން ބޭނުންވެއެވެ. ނަމަވެސް ގެލެކްސީ އެސް ސިކްސް އެޖް ބަނޑިކޮށްލަން ބޭނުންވަނީ 68 ކިލޯގްރާމް އެވެ. އެމީހުން ބުނާގޮތުގައި ސެމްސަންގެ ފޯނު އެހާ ފަސޭހައިން ބަނޑިވާން ދިމާވީ އޭގައި އިންނަ "ކާވްޑް" ޑިސްޕްލޭގެ ސަބަބުންނެވެ.

ސެމްސަންގެ އިތުރުން އެޗްޓީސީ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ކަމަށްވާ އެމް ނައިން ވެސް ވަނީ ޓެސްޓުކޮށްފައެވެ. އެމީހުންގެ ތަހުލީލުން ދައްކާގޮތުގައި އައިފޯނާއި ސެމްސަން އަށްވުރެ ކުރިން އެ ފޯނު ބަނޑިވެއެވެ.