ރާއްޖޭގެ ގައުމީ ރާޒުވަ ޓީމު ހޮވުމަށް ބާއްވާ މުބާރާތް އަންނަ މެއި މަހާއި ޖޫން މަހުގެ ކުރީކޮޅު ބާއްވަން މޯލްޑިވްސް ޗެސް ފެޑަރޭޝަނުން ނިންމައިފި އެވެ.

ގައުމީ ރާޒުވާ ޓީމު ހޮވުމަށް ބާއްވާ ޕްރީ ސެލެކްޝަން މުބާރާތް ޗެސް ފެޑަރޭޝަނުން ބާއްވަން ނިންމާފައި ވަނީ މެއި މަހުގެ ހަ ވަނަ ދުވަހުން 14 ވަނަ ދުވަހަށެވެ. އަދި ފައިނަލް ސެލެކްޝަން މުބާރާތް ބާއްވަން ނިންމާފައި ވަނީ ޖޫން 10 ކުން 18 އަށެވެ.

ދެ ޖިންސަށް ވެސް ބައިވެރިވެވޭ ގޮތަށް ހުރިހާ ދިވެހިންނަށް ހުޅުވާލައިން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ފުރަންޖެހޭ ފޯމާއި، މުބާރާތުގެ ގަވައިދު މިހާރު ޗެސް ފެޑަރޭޝަންގެ އޮފީހުން ލިބެން ހުންނާނެކަމަށް ޗެސް ފެޑަރޭޝަނުން ވަނީ މައުލޫމާތު ދީފަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމަށް ޗެސް ފެޑަރޭޝަނުން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ މި މަހުގެ 25 އެވެ. އަދި ލޭޓް އެންޓްރީގެ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅޭނެ ކަމަށް ޗެސް ފެޑަރޭޝަނުން މައުލޫމާތު ދެ އެވެ.

ގައުމީ ރާޒުވާ ޓީމު ހޮވަން ޗެސް ފެޑަރޭޝަނުން ބާއްވާ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތައް އެންޓްރީ ފީ އެއްގެ ގޮތުގައި 500 ރުފިޔާ ދެއްކުމަށް ޗެސް ފެޑަރޭޝަނުން ވަނީ ކަނޑައަޅާފައެވެ. އަދި ލޭޓް އެންޓްރީއެއް ނަމަ އިތުރަށް 250 ރުފިޔާ ލޭޓް އެންޓްރީ ފީ އެއްގެ ގޮތުގައި ދެއްކުމަށް ޗެސް ފެޑަރޭޝަނުން ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން ގައުމީ ރާޒުވާ ޓީމު ހޮވުމަށް ބާއްވާ މުބާރާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ، އެ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ރާއްޖޭގެ ޗެސް ފެޑަރޭޝަނުން ވަނީ އެދިފައެވެ.