21 Feb 2011, 20:39
ކުރީގެ ބަންޑާރަ ނައިބު ކަމާއި އަދި އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޑރ. މުހަންމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) އުފެއްދުމުގެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒިފުން ދިޔައީ އެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވޭތޯ ބެލުމަކީ އެ ކޮމިޝަންގެ ގާނޫނީ ވާޖިބަކަށް ވާތީ އެކަން ބެލުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ އެމްއާރްއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. މުހަންމަދު މުނައްވަރު އިލެކްޝަންސް ކޮމިޝަން އާ މެދު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ހަގީގަތް އޮޅޭ ގޮތަށް ދައްކަމުން ގެންދަވާ ވާހަކަފުޅުތަކެއް ކަމަށެވެ. އަދި ބުނަނީ އެރޭ އެ ޕާޓީ އުފެއްދުމަށް ބާއްވަން އުޅުނު ޖަލްސާ ނާކާމިޔާބުވީ އެ ޖަލްސާ އަށް އިލެކްޝަންސްގެ މުވައްޒިފުން ގޮސްގެން ނޫން ކަމަށާއި އެކަމަކު އެ ޖަލްސާގެ ގާނޫނީ އަދަދު ކަމުގައިވާ 300 މީހުން ހަމަވުމާ ގާތްކުރާ އަދަދަށް ވެސް މީހުން އެ ޖަލްސާއަށް ހާޒިރުނުވުމުން ކަމަށެވެ. އަދި އެ ޖަލްސާއަކީ 300 މީހުން ހަމަވެގެން ބާއްވާ ޖަލްސާއެއްތޯ ބެލުމަކީ އެއީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވާޖިބެއް ކަމަށެވެ.
"އެ ބައްދަލުވުމުގެ ބައިވެރިންގެ އަދަދު 140 ހަމަނުވާ ހިނދު، ގާނޫނީ އަދަދު ހަމަވެއްޖެ ކަމަށް އިއުލާންކޮށް ގުރުއާނުގެ ބަރަކާތުން ފެށި ބައްދަލުވުން 300 މީހުން ހަމަނުވާ ކަމަށް ވިދާޅުވެ ޖަލްސާ ނިންމާލެއްވީ ހުދު ޑރ. މުހަންމަދު މުނައްވަރު އަމިއްލަ ފުޅަށެވެ. ސިޔާސީ ޕާޓީ އުފެއްދެވުމަށް ބާއްވާ ބައްދަލުވުމަކީ 300 މީހުން ހަމަވެގެން ބާއްވާ ބައްދަލުވުމެއްތޯ ބެލުމަކީ ކޮމިޝަނުގެ ޒިންމާއެއްކަމުގައި ވާހިނދު މިކަންކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ވެސް މިކޮމިޝަންގެ މުވައްޒިފުން އެކަން ބެލުމެވެ،" އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނަނީ ސިޔާސީ ޕާޓީ އުފެއްދެވުމަށް ހުށަހަޅާ 3000 މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާއިރު އެއާ އެކު ހުށަހަޅާ ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަކަށް ވާން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ކަނޑައެޅިގެން އެނގެން އޮންނައިރު، މުއްދަތު ހަމަވެފައިވާ އައިޑީކާޑް ވެސް ބަލައިގަންނަން ޖެހޭނެ ކަމަށް މުނައްވަރު ވިދާޅުވެފައިވުމަކީ ރައްޔިތުންގެ މެދުގައި ހަގީގަތް އޮޅޭ ގޮތަށް ދައްކަވަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.
އެ ބަޔާނުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ރާއްޖޭގެ ޑިމޮކްރަސީ އާއި އަދި ގާނޫނު ތަކާއި ގަވާއިދުތައް ހަރުދަނާކުރުމާއި ތަންފީޒުކުރުމުގައި އެހީތެރިވުމަށް ގޮވާލައްވާފަ އެވެ.