ސ. ހިތަދޫގައި ހިނގި ތިން މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އެ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


އައްޑޫ ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު، ސަބް އިންސްޕެކްޓަރ އާދަމް އިޔާޒް މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިތަދޫގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރެއަށް ދެ ދިވެހިން ވަދެ އެމީހުންނަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށެވެ. އަދި އެވަގުތު އެތަނުގެ ތެރޭގައި ތިބި ބިދޭސީންތައް ވެސް އެމީހުންނާއި މާރާމާރީ ހިންގައިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ދިވެއްސަކަށާއި ތިން ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާއިރު އެއް ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ. އަދި އެމީހުނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ.


އިޔާޒު އަދި ވިދާޅުވީ އެމީހުން އެތަނުގެ ތެރެއަށް ވަން ސަބަބު އަދި އެނގިފައިނުވި ނަމަވެސް އެ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ ތެރެއަށް ވަދެ މާރާމާރީ ހިނގި ދެ މީހުންގެ ތެރެއިން އެކަކީ ހަމަ އެރޭ ހިތަދޫގައި ޓީޗަރުންތަކަކަށް ބިރު ދެއްކުމަށްފަހު އެމީހުންގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހެއް ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ.


ހަމަ އެރޭ ހިތަދޫގައި ހިނގި ދެވަނަ މާރާމާރީ އަކީ އެރަށު ޗަމަންގޭ ކައިރީގައި ހުރި އެގޭ އަލީ ނާހިދަށް ގްރޫޕަކުން ގޮސް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އޭނާގެ ކޮނޑުން ތަންގަނޑެއް ކަފާލައިފައިވާ ކަމަށާއި އެމައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ. މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ވެސް ހިތަދޫގައި ހިނގި މާރާމާރީއަކާ ގުޅިގެން ވެސް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.