އަދަން (އެޕްރީލް 6) : ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ތާއީދު ކުރާ މިލީޝިޔާ ހަނގުރާމަވެރިންނާއި އެ ގައުމުގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރާ ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ޔަމަންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަދަންގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުން އެބަދެ އެވެ.


ރިޕޯޓްތައް ބުނާ ގޮތުން ސައޫދީ އަރަބިޔާއިން ދެމުން ގެންދާ ވައިގެ ޙަމަލާތަކާއެކު ވެސް ޙޫޘީ ހަނގުރާމަވެރިން ގެންދަނީ ބިންމަތީ ހަނގުރާމައިގާ ކާމިޔާބު ހޯދައި ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ތާއީދުކުރާ މިލީޝިޔާ ހަނގުރާމަވެރިން ގެ މައްޗަށް ކުރި ހޯދަމުންނެވެ. ޔަމަންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަދަންގައި ހިނގަމުންދާ ހަނގުރާމައިގައި ޔަމަންގެ ސިފައިންގެ ލަޝްކަރުތައް ގެންދަނީ ހޫޘީ ހަނގުރާމަވެރިންނަށް އެހީތެރިވަމުންނެވެ. ހޫޘީންނާއި ޔަމަންގެ ސިފައިން ގުޅިގެން ކުރަމުންގެންދާ ހަނގުރާމައިގައި މި ދެފަރާތުން ވަނީ ރައީސް ހާދީއަށް ތާއީދުކުރާ މިލީޝިޔާ ހަނގުރާމަވެރިންގެ އަތްދަށުގައިވާ އަދަންގެ މެދުތެރޭ ސަރަހައްދުތަކާއި ރިޔާސީ ގަނޑުވަރު ވެސް ހިފައި އެތަންތަނުން އެ މީހުން ބޭރުކޮށްލާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާރު އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދަނީ އަދަންގެ ބަނދަރު ސަރަހައްދާއި އެސިޓީގެ ދެކުނުގައިވާ ހިސާބު ތަކުގައެވެ. މިހަނގުރާމައިގާ ހޫޘީންގެ ބޭނުމަކީ ޔަމަންގެ އެންމެ ބޮޑު ކަނޑުގެ ބަނދަރުކަމަށްވާ އަދަންގެ ބަނދަރު އަތްދަށުލުމެވެ. އަދަންގެ ބަނދަރަކީ ރައީސް ހާދީއަށް ތާއީދުކުރާ މިލީޝިޔާތަކުގެ ބާރުގެދަށުގައިއޮތް އެސިޓީގެ އެންމެ މުހިއްމު މަރުކަޒެވެ. މިތަނުން ހާދީއަށް ތާއީދުކުރާ ހަނގުރާމަވެރިން ފައްސާލެވިއްޖެނަމަ ހޫޘީންނާއި އެމީހުންނަށް ތާއީދުކުރާ ޔަމަން ސިފައިންގެ ލަޝްކަރުތަކުގެ ކޮންޓްރޯލްގެ ދަށަށް މުޅި އަދަން ގެނެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ހޫޘީންގެ އަތްދަށަށް އަދަން ހިނގައިދާނެތީ ސައޫދީ ވައިގެ ސިފައިން ހޫޘީންގެ އަމާޒުތަކަށް ބޮންއަޅައި އަދި ހެލިކޮޕްޓަރުގެ އެހީގައި ރައީސް ހާދީއަށް ތާއީދުކުރާ މިލީޝިޔާތަކަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދާކަމަށް ހޫޘީން ގެ ލީޑަރުން ވަނީ ތުހުމަތުކުރައްވާފައެވެ. ސައޫދީންގެ ވައިގެ ޙަމަލާތަކާއެކުވެސް ބިންމަތީ ހަނގުރާމައިގާ ހޫޘީ ހަނގުރާމަވެރިން ކާމިޔާބު ހޯދަމުން ގެންދާތީ ރައީސް ހާދީއަށް ތާއީދުކުރާ ފަރާތްތަކުންނާއި ސައޫދީ އަސްކަރީ މަސްއޫލުވެރިން ވަނީ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިޔާ ވަނުމާއެކު އެހަނގުރާމަ ވަނީ އިތުރަށް ފުޅާވެ ވަރުގަދަ ވެފައެވެ. ހަނގުރާމަ ވަރުގަދަ ވުމުގެ ސަބަބުން މަރުވާމީހުންނާއި ޒަޚަމްވާ މީހުންގެ އަދަދު އިތުރުވެ ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހޭ މީހުންގެ އަދަދުވެސް އެތަށް ހާހަކުން އިތުރުވަމުންދާތީ ޔަމަނަށް އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދ. އާއި އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ދީފައެވެ.

ރަޝިޔާއިންވަނީ މަރުވާމީހުން ވަޅުލުމަށާއި ޒަޚަމްވާ މީހުންނަށް ފަރުވާދިނުމަށާއި ހާލުގައިޖެހިފައިވާ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި ވަގުތީ ގޮތުން ޙަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއްގެ ދެލިކޮޕީ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ. (ރޮއިޓާސް)