ޕްރާގް (އެޕްރީލް 6) : ޗެކްރިޕަބްލިކް ގައި ހުންނަވާ އެމެރިކާގެ ސަފީރު އޭނާގެ ހުދޫދުން ބޭރުވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ޗެކްރިޕަބްލިކްގެ ރައީސް މިލޮޗް ޒީމަން އެމެރިކާގެ ސަފީރަށް ވަރަށް ބޮޑަށް ފާޑުވިދާޅު އެމެރިކާގެ ސަފީރު އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަނުން މަނާކޮށްފިއެވެ.

ޗެކްރިޕަބްލިކްގެ ރައީސް މިލޮޗް ޒީމަން ވިދާޅުވީ އޭނާ ދިރިއުޅުއްވާ ރިޔާސީ ގަނޑު ވަރަށް ވަނުމުގެ ފުރުސަތު އެމެރިކާގެ ސަފީރު އެންޑްރޫ ޝަޕީރޯ އަށް ދެން ނޯންނާނެ ކަމުގަ އެވެ. ޗެކްރިޕަބްލިކްގެ ރައީސް، އެ ގައުމުގައި ހުންނަވާ އެމެރިކާގެ ސަފީރު ދެކެ ކޯފާވެވަޑައިގަތީ ދެވަނަ ބޮޑުހަނގުރާމައިގެ ހަނދާންތައް އައުކުރުމުގެ ގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބާއްވާ ޚާއްސަ ޙަފްލާއަކަށް ވަޑައިގަތުމަށް ރައީސް ވްލަޑިމޭރު ޕޫޓިން ދެއްވި ދައުވަތެއް ގަބޫލު ކުރެއްވުމުން އެމެރިކާ ސަފީރުގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވުމުންނެވެ.

ޗެކްރިޕަބްލިކްގެ ރައީސް ގެ މި ނިންމެވުމަށް ނުރުހުން ފާޅުކުރައްވަމުން އެގައުމުގައި ހުންނަވާ އެމެރިކާގެ ސަފީރު ވިދާޅުވީ އެއީ ހިކްމަތްތެރި ފިޔަވަޅެއް ނޫންކަމަށާ އެއީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ޔުކްރޭނާމެދު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކަށް ހިއްވަރު ދިނުންކަމުގައެވެ. ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގާ ނުސީދާ ގޮތުން ރަޝިޔާ ބައިވެރިވާ ކަމަށްބުނެ ރަޝިޔާ ބޮއިކަޓް ކުރުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ޗެކްރިޕަބްލިކްގެ ރައީސް ވިދާޅުވީ އޭނާ ވަޑައިގަންނަވަން ޖެހޭ ތަންތަނާއި ކުރައްވަން ޖެހޭ ކަންތައް އަންގަންޖެހޭ ހިސާބަށް އެމެރިކާގެ ސަފީރުގެ އަމަލުތައް ދިޔުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމުގައެވެ. މިގޮތުން އެމެރިކާގެ ރައީސް ކުރައްވަން ޖެހޭ ކަންތައްތަކާއި ނުކުރައްވަން ޖެހޭ ކަންތައްތަކުގެ އިރުޝާދު ވޮޝިންޓަންގައި ހުންނަވާ ޗެކްރިޕަބްލިކްގެ ސަފީރު ދެއްވަން ފައްޓަވާނަމަ އެމެރިކާ ސަރުކާރުންވެސް އެކަން ބަލައިނުގަންނާނެ ކަމަށް ޗެކްރިޕަބްލިކްގެ ރައީސް ވިދާޅުވިއެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ހަނދާންތައް އައުކުރުމުގެ ގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބާއްވާ ޚާއްސަ ޙަފްލާ ބޮއިކަޓް ކުރުމަށް އެމެރިކާއާއި އެމެރިކާއަށް ތާއީދުކުރާ ވިލާތުގެ ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދެވިނަމަވެސް ދުނިޔޭގެ އެތަށް ގައުމެއްގެ އިސްވެރިން މިޙަފްލާގައި ބައިވެރިވާނެ ކަމަށް ރަޝިޔާއިން ބުނެއެވެ. (ރޮއިޓާސް)