ސްރީލަންކާގެ ކޮލަމްބޯގެ ޑޮކްޔާޑެއްގައި އޮތް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސްބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިފްކޯގެ ޗީފް ފިޝް އެންޑް ޕްރޮކުއާމެންޓް އެންޑް ލޮޖިސްޓިކް އޮފިސަރު އަންވަރު ސަދާތު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 ގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ހާނީއްކައެއް ވެފައެއް ނުވެ އެވެ.

އަންވަރު ވިދާޅުވީ އަލިފާން ރޯވީ، ގޭސް ކަޓަރަކުން ދަގަނޑު ކަފަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ވަގުތު އެ އަލިފާން ރޯވީ އެތަނުގައި ހުރި ފުޅިމަދުތަކެއްގައި ކަމަށެވެ.

އަލިފާން ރޯވެ މާ ގިނައިރުތަކެއް ނުވެ ޑޮކްޔާޑްގައި މަސައްކަތް ކުރާ، އަލިފާން ނިއްވުމުގައި މަސައްކަތް ކުރާ މުއައްޒަފުންތަކެއް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި ގޮތް އިތުރަށް ތަހުގީގުކުރާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.