21 Feb 2011, 20:07
ބްލެކްމެއިލް ކުރާ މައްސަލައާ ގުޅިގެން މިހާތަނަށް ހިންގި ތަޙްޤީޤުން، ބްލެކްމެއިލްކުރުމާއި ނާޖާއިޒް ފައިދާ ހޯދުމަށް ބޭނުންކުރަމުންދާ ވީޑީއޯ އާއި ފޮޓޯތަކަކީ އިންޓަނެޓްގެ ސޯޝަލްނެޓްވޯކްތަކުގައި ކޮށްފައިވާ މުޢާމަލާތްތަކުގެ ތެރޭގައި ރެކޯޑްކޮށްފައިވާ އެއްޗެހިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގިނަ ޢަދަދެއްގެ މީހުންގެ އޮރިޔާން މަންޒަރާއި ބަދުއަޚްލާގީ ޢަމަލުތައް ދައްކުވައިދޭ ވީޑީއޯ އާއި ފޮޓޯ ބޭނުންކޮށްގެން ބައެއް ފަރާތްތަކަށް ބިރުދައްކައި ބްލެކްމެއިލްކޮށްގެން ފައިސާ އަތުލުމާއި އެކިބާވަތްތަކުގެ ނާޖާޢިޒް ފައިދާ ނަގަމުންދާ ކަމަށް ހުށަހެޅި މައްސަލަ އާ ގުޅިގެން ފުލުހުން ބުނީ މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އައްޑޫން 10 މީހަކާއި މާލެ އިން ހަތަރު މީހުން ނެވެ. އަދި އައްޑޫން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 26 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި މާލެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި އައްޑޫން ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
މީގެ ދެ މަސް ދުވަސް ކުރިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ އެ މައްސަލައިގައި ގިނަ ޢަދަދެއްގެ މީހުންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއި ބަދުއަޚްލާގީ ޢަމަލުހިންގާ މަންޒަރުދައްކުވައިދޭ ވީޑީއޯތަކުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ކޮމްޕިއުޓަރާއި އެކްސްޓާނަލް ހާޑްޑިސްކް އަދި ލެޕްޓޮޕް ފަދަ ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ކޮމްޕިއުޓަރުތަކުން ދިވެހިންކަމުގައި ބެލެވޭ މީހުންގެ އެތައް ސަތޭކަ އޮރިޔާން މަންޒަރުދައްކުވައިދޭ ފޮޓޯ ފެނިފައިވާ ކަމާއި، އޭގެ ތެރެއިން ބައެއް ފޮޓޯއަކީ މަސްތުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯ ކަމަށާއި ބައެއް ފޮޓޯތަކަކީ ނުރުހުމުގައި ނަގާފައިވާ ފޮޓޯ ކަމަށް ބެލެވޭކަމަށް ފާހަގަކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގުމުގައި އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި ހައްޔަރުކުރި އެއްވެސްފަރާތަކުން ވެސް އެއްވެސް ބާވަތެއްގެ ނުކިޔަމަންތެރިކަމެއް ދައްކާފައިނުވާ ކަމަށެވެ.
މައްސަލައިގެ ބާވަތަށާއި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރައްޔިތުން އިތުރަށް ސަމާލުކަން ދޭންވީ މުހިންމު ތިން ކަމެއް ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ.
އޭގެ ތެރޭގައި އިންޓަނެޓްގެ ސޯޝަލް ނެޓްވޯކްތަކުގެ ތެރޭގައި ޞައްޙަނޫން އައިޑީތަކާއި ޔޫސާ ނޭމް ބޭނުންކޮށްގެން ކާކުކަން ނޭނގޭ ގޮތަށް އެކިފަރާތްތަކުން ތަފާތު ހަރަކާތްތައް ހިންގަމުންދާތީ، ނުދަންނަ ފަރާތްތަކާ ގުޅުން އުފެއްދުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ސޮފްޓްވެއާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އައިޑެންޓިޓީ އޮޅުވާލައިގެން ބައެއް ފަރާތްތަކުން ސޯޝަލް ނެޓްވޯކްތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މިފަދަ ފަރާތްތަކުން މުޖުތަމަޢުގެ އާންމު އަޚްލާގީ މިންގަޑުތަކާ ޚިލާފް އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމުގައި މީހުން ބައިވެރިކުރަން ރާވައިގެން މަސައްކަތްކުރަމުންދާ ކަމަށާއި މިފަދަ ކަންކަން ހިންގަނީ މާލީ ފައިދާ އާއި ނާޖާއިޒް އެހެނިހެން ފައިދާ ހޯދުމަށް ފުޅާދާއިރާއެއްގައި ރާވައިގެން ކަމަށާއި އެކަންކަމަށް އާންމުރައްޔިތުން، ޚާއްސަކޮށް އިންޓަނެޓް ބޭނުންކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް ދަންނަވަމެވެ." ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ސާފުކުރި މަޢުލޫމާތުން، 18 އަހަރު ނުފުރޭ އަންހެން ކުދިން ވެސް އެފަދަ ޢަމަލުތަކުގެ ތެރޭގައި ވިކްޓިމައިޒްވެފައިވާކަން ފާހަގަ ކުރެވޭކަމަށާއި އަދި މިމައްސަލައިގެ ތުޙުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ވެސް 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ކުޑަ ކުދިންނަށް އިންޓަނެޓާއި އެ ނޫން ވެސް ތަފާތު މީހުންނާ މުޢާމަލާތުކުރެވޭ ވަސީލަތްތައް ހޯދައިދިނުމުގައި، ބެލެނިވެރިން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި އަދި އެފަދަ ވަޞީލަތްތައް ބޭނުންކުރާ ގޮތް މޮނީޓާ ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދަރިން ޗެޓް ކުރަނީ ނުވަތަ ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން ގުޅުން ބާއްވަނީ ކޮން ބަޔަކާކަން ބެލުމަށާއި ކުއްޖަކަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ބްލެކްމެއިލް ކުރާ ފަރާތުގެ ޑިމާންޑްތަކަށް ތަބާ ނުވެ، ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްގެން އެކުއްޖަކު އިތުރަށް ވިކްޓިމައިޒްވުމުގެ ފުރުސަތު ނުދިނުމަށް ބާރު އެޅުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދިފައިވާ ބައެއް ވީޑިއޯތަކުގައި ބައެއް މީހުން ތުއްތު ކުދިންގެ ހާޒިރުގައި ވެސް ބަދުއަޚްލާގީ އަމަލުތައް ހިންގާފައިކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ އަމަލުތަކަކީ އެ ކުދިންގެ މުސްތަގުބަލަށާއި އަޚްލާގަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަކަށް ވާތީ އެފަދަ އަމަލުތައް ނުހިންގުމަށާއި އެފަދަ އަމަލުތައް ހިނގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެ ސާވިސް އިން އަޅާނެ ކަމަށެވެ.
ފުލުހުން ވަނީ އެ މައްސަލައިގައި ބްލެކްމެއިލްކުރާ ފަރާތްތައް އެކި މީހުންނާ ގުޅުން ބަދަހިކުރުމަށް ބޭނުންކޮށްފައިވާ ފޭސްބުކް ދެ އައިޑީ ވެސް ހާމަ ކޮށްފަ އެވެ. އަދި އެ އެކައުންޓްތަކުން އަންނަ މެސެޖްތަކާއި އިންވިޓޭޝަންތަކަށް ސަމާލުވުމަށާއި އަދި އެފަރާތްތަކުގެ އިންވިޓޭޝަންތައް ގަބޫލުކޮށްފައިވާ ފަރާތްތަކުން މިކަންކަމަށް އިތުރަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. ދެ އައިޑީ ބޭނުން ކޮށްގެން ބްލެކްމެއިލް ކޮށްފައިވާ އިރު އެ ދެ އައިޑީގައި ވެސް އިންނަނީ އެއް ފޮޓޯ އެވެ.
ފުލުހުން މިހާރު ތަޙްޤީޤްކުރަމުންދާ އޮރިޔާން މަންޒަރު ރެކޯޑްކުރުމާއި އެ މަންޒަރުތައް ބޭނުންކޮށްގެން ބިރުދެއްކުމާއި ބްލެކްމެއިލްކުރުމުގެ ޙަރަކާތްތައް ހިންގި މައްސަލައަކީ މުޖުތަމަޢުގެ ވަރަށް ގިނަ ބައެއްގެ ޙައްޤުތަކާއި ގުޅުން ހުރި، އަދި އެ މައްސަލައިގެ ބާވަތާއި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އިޖުތިމާޢީ ނިޒާމްތަކާއި ސަލާމަތަށް އޭގެ ސަބަބުން ނުބައި އަސަރުތަކެއް ކުރުވަފާނެ ފަދަ ކަންތައްތަކެއް އެކުލެވޭ މައްސަލައަކަށް ވާތީ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ޖިނާޢީ ކުށުގެ އަމަލުތައް ހިންގާފައިވާ ފަރާތްތަކާ މެދު ޤާނޫނުގައިވާ ގޮތުގެމަތިން ޢަމަލުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޯޓް: ފުލުހުން އާންމު ކޮށްފައިވާ ފޭސްބުކް އައިޑީ. Lyshiaa Limanom ، Angelic Sharrown