މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން ދެ ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިރެއަށް ތާވަލްކޮށްފައިވާ ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޝަރީއަތްތައް ކެންސަލް ކުރި ސަބަބެއް ވިދާޅެއް ނުވެ އެވެ. އަދި ދެން އެ ޝަރީއަތްތަކުގެ ހުކުކުމް ކުރުން އޮންނާނެ ވަކި ދުވަހެއް ވެސް ވިދާޅެއް ނުވެ އެވެ.

މިރޭ 8:00 އަށް ކުރިން ތާވަލްކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނަށް ހުކުމް އިއްވުމަށެވެ.

މިރޭ 9:00 އަށް ކުރިން ތާވަލް ކޮށްފައި ވަނީ މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ހުކުމް އިއްވުމެވެ.

ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ހުކުމް އިއްވަން ކުރިން ތާވަލްކޮށްފައި އޮތީ މާދަމާ ރޭ 10:00 އަށެވެ.

އެބޭފުޅުންގެ މައްޗަށް ހުކުމް އިއްވުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރެއަށް ވެސް ތާވަލް ކުރި އެވެ. ނަމަވެސް އެ އަޑުއެހުންތައް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

އެބޭފުޅުންގެ އިތުރުން އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތް އަދި ނިމިފައެއް ނުވެ އެވެ. ސަބަބަކީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވާތީ އެވެ.

ސިފައިން މެދުވެރިކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވާފަ އެވެ.