ބަންދުގެ މުއްދަތަށް ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކޯޓަށް ގެންދިޔަ ވަގުތު ފިލަން އުޅުނު ކަމަށް ބުނެ ފުލުހުންނަށް ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެ ވަގުތު މަސައްކަތް ކުރީ އަންހެނުން ސަލާމަތް ކުރަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑްގައި މަހުލޫފު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖެހި ދުވަހު ކޯޓު ކައިރިއަށް ވަޑައިގެން ހުންނެވި އޭނާގެ އަނބިކަނބަލުންގެ ގަޔަށް ފުލުހުންގެ އަތް ލައި އަނިޔާ ކުރި ކަމަށެވެ.

"އެތަން އަޅުގަނޑަށް ފެނުމުން އަޅުގަނޑު މަސައްކަތް ކުރީ އަޅުގަނޑުގެ އަންހެނުން ފުލުހުންގެ ވަކިތަކުން ސަލާމަތް ކުރުމަށެވެ. އަޅުގަނޑު ފިލަންޖެހޭ އެއްވެސް ސަބަބެއް ނެތް. ކްރިމިނަލް ކޯޓުން ގާނޫނު އަސާސީން ލިބިދީފައިވާ މުޒާހަރާ ކުރުމުގެ ހައްގު ނިގުޅައިގަނެ މުޒާހަރާއަށް ނުދިއުމަށާއި ހަތަރު މީހުންނަށް ވުރެއް ގިނަ މީހުންނާ އެކީ ނޫޅުމަށް ކުުރާ ޣައިރު ގާނޫނީ ޝަރުތުތަކަށް ބޯލަނބައިގެން މިނިވަންވުމަށް ކޮންމެ ޝަރީއަތުގެ މަޖިލީހެއްގައި ވެސް ފުރުސަތުލިބެ އެވެ،" މަހުލޫފުގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މަހުލޫފު މިހެން ވިދާޅުވެފައި މި ވަނީ ކޯޓުން ނުކުމެވަޑައިގެން އޭނާ ފިލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯޓުން ނިކުމެވަޑައިގެން މަހުލޫފް ފިލުމަށް މަސައްކަތް ކުރުމުން އޭނާ ހިފެހެއްޓީ އެ ސަރައްދުގައި ތިބި ފުލުހުން ކަމަށެވެ. އޭނާ ފިލުމަށްޓަކައި ދުއްވައިގަތީ، ޖަސްޓިސް ބިލްޑިންގް ކައިރީގައި ހުންނަ ހިލާލީގެއާ ދިމާލަށް ކަމަށާއި އެވަގުތު އެތަނުގައި ތިބި ފުލުހުން މަހުލޫފް ވެހިކަލަށް އެރުވީ ކަމަށް ބަޔާނުގައިވެ އެވެ.