06 Apr 2015, 13:39
ވިޔަފާރިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ދެމުންގެންދިޔަ ސަބްސިޑީތައް ކަނޑާލުމާ ގުޅިގެން ހދ. ކުޅުދުއްފުށްޓާއި އެ އަތޮޅު މަކުނުދޫގައި ބަންދު ކުރި ފިހާރަތައް ހުޅުވައިފި އެވެ.
ސަބްސިޑީ މައްސަލައާ ގުޅިގެން ކުޅުދުއްފުށީ ވިޔަފާރިވެރިން ކުރާ އިހުތިޖާޖުގެ ސްޓިއަރިން ކޮމެޓީގައި ހަރަކާތްތެރިވާ އާދަމް ޝަރީފް މިއަދު ބުނީ އިއްޔެ ފިހާރަތައް ބަންދު ކުރި ނަމަވެސް ފަހުން ވަނީ އިރުއޮއްސި 6:00 ހާއިރުން ފެށިގެން ފިހާރަތައް ހުޅުވަން ފެށި ކަމަށެވެ.
ސަރުކާރުން ވިޔަފާރިވެރިންނަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކުޅުދުއްފުށި ފިހާރަތައް ބަންދުކޮށް އެރަށުގެ ވިޔަފާރި ވެރިން ފުރަތަމަ މުޒާހަރާ ކޮށްފައި ވަނީ ކައުންސިލް ދޮށުގަ އެވެ. ނަމަވެސް ފަހުން ވަނީ އެރަށު އިންޖީނުގެ ތެރޭ މުޒާހަރާކޮށް، ކަރަންޓް ބިލު ދެއްކުން ހުއްޓުވާފަ އެވެ. ނަމަވެސް ފުލުހުން އެތަނަށް ގޮސް މުޒާހަރާގެ ބައިވެރިންނާއި ވާހަކަ ދެއްކުމުން ވަނީ އިންޖީނުގެ ތެރޭ މުޒާހަރާ ކުރުން ހުއްޓާލާފަ އެވެ.
ޝަރީފް ބުނީ ސަބްސިޑީ މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ހުރިހާ ވިޔަފާރިވެރިން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދޫކުރާ ކަރަންޓް ސަބްސިޑީ ހުއްޓާލާފައިވާއިރު، އެ ރަށުގެ ވިޔަފާރި ވެރިންގެ އަތުން ކަރަންޓު ޔުނިޓަކަށް 7.50ރ. ނަގައެވެ. ނަމަވެސް މާލޭގައި އެ ރޭޓް އުޅެނީ ހަތަރު ރުފިޔާ އަށެވެ.
މިދިޔަ މަހު އެންސްޕާ އިން އާންމުކޮށް ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާޗް އެއް ވަނަ ދުވަހުން ފެށިގެން ކަރަންޓް ސަބްސިޑީ ނުލިބޭނެ ކަމަށާއި ޑޮމެސްޓިކް މީޓަރުތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތައް ވިޔަފާރި މީޓަރަށް ބަދަލުކުރަން އަންގާ ކަމަށެވެ.