ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ތައްޔާރުކުރާ ޕެޓިޝަމުގައި ސޮއިކުރުމަށް މަގުމަތީގައި ބަހައްޓާފައި ހުރި މޭޒުތަށް ފުލުހުން ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަލަކު މިއަދު "ސަން" އަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި ގަވައިދާ ހިލާފަށް މަގުމަތީގައި ބަހައްޓާފައި ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުގެ ހުއްދަ ހޯދައިގެން ކަމަށް ބުނެ ހުއްދަ ދިން ލިޔުން އެމްޑީޕީން ފުލުހުންނަށް ދެއްކި ނަމަވެސް މަގުމަތީގައި އެއް ބަހައްޓާނަމަ ނުވަތަ ހަރަކާތެއް ހިންގާނަމަ ހުއްދަން ހޯދަން ޖެހޭނީ މިހާރު ހައުސިންގް މިނިސްޓްރީން ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީ އޮފީހުން ބުނީ މަގުމަތީ މޭޒު ބަހައްޓައިގެން ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުގެ ހުއްދައާއެކު ކަމަށާއި ފުލުހުންނަށް އެ ހުއްދަ ދެއްކި ނަމަވެސް މޭޒުތަށް ފުލުހުން ގެންގޮސްފައިވާ ކަމަށެެވެ.

"ނަމަވެސް ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ހައުސިންގ މިނިސްޓްރީގެ ހުއްދަ ކަމުގައި ބޭނުންވަނީ،" އެމްޑީޕީ އޮފީހުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުގެ ދަށުން މީގެ ކުރިން ބަލަމުން ގެންދިޔަ މާލޭގެ މަގުތަށް ހައުސިންގް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރު އެވެ.