ޒުވާނުންގެ ޝައުޤުވެރިކަން ހުރި ދާއިރާތަކަށް އިސްކަން ދީގެން ގައުމީ އިނާމަށް ދިނުމަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީ އާއި، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީއާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެބައްދަލުވުމުގައި ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަލަށް އެކުލަވައިލި ގައުމީ އިނާމާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރަށް ކުރާ ޚިދްމަތް ވަޒަންކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވައިލެއްވި އެވެ. އަދި ސަރުކާރަށް ކުރާ ޚިދްމަތަކީ، ވަރުގަދަ ޤައުމީ ޚިދްމަތެއް ކަމަށް ވިދާޅުވަމުން، ޚިދްމަތުގައި ދެމިތިބި، އަދި އެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ޚިދްމަތުގެ އަގު ވަޒަންކުރަންޖެހޭ ކަމުގައި ވިދާޅުވެ، ދައުލަތަށް ޚިދްމަތް ކުރުމުގެ ދާއިރާއިން މި އަހަރު އިނާމަށް ފުރްޞަތު ހުޅުއްވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ،" ރައީސް އޮފީހުން ބުންޏެވެ.

އަލަށް އެކުލަވައިލި ގައުމީ އިނާމާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމަށާއި، ޕީއެޗްޑީ ޙާޞިލު ކުރައްވާ ފަރާތްތަކަށް އިނާމު ދެއްވުމުގައި ވެސް އުޞޫލުތަކެއް އެކުލަވައިލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން މިއަހަރު ވެސް ތަފާތު ރޮނގުތަކަށް ފުރުޞަތު ހުޅުއްވައިލެއްވުމުގެ ބޭނުންތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގަވާއިދު އެކުލަވައިލައްވާއިރު، ވީހާވެސް ގިނަ ނަންތައް އިނާމަށް ހުށަހެޅޭ ގޮތަށް ކޮމިޓީގެ ބޭފުޅުން ވިސްނާވަޑައިގަތުމަށާއި، އެކަމުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިގެން މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.