އެމެރިކާގައި އެންމެ މަގުބޫލު އެއް ބުއިމެއް ކަމަށްވާ އައިސް ޓީ އަކީ މިހާރު ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަގުބޫލު ބުއިމަކަށް މި ވަނީ ވެފަ އެވެ. އައިސް ޓީ މީހުންގެ މެދުގައި އެހާ މަގުބޫލުވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އައިސް ޓީއަކީ ތާޒާކަން އިތުރުކޮށްދޭ ބުއިމެކެވެ. އައިސް ޓީ އިން ލިބިދޭ ސިއްހީ ބައެއް ފައިދާތަކަށް ބަލައިލާނަމެވެ.

ޒުވާންކަން މަތީ ހުރުމަށް އެހީއެއް

ދޮރުތަކުގައި ކުލަ ލުމުން ދޮރުގެ އާ ކަން ނުގެއްލި ގިނަ ދުވަހު ހުންނަ ފަދައިން އައިސްޓީ އަކީވެސް އިންސާނުން ޒުވާންކަމުގައި ދެމި ހުރުމަށް އެހީވެދޭ އެއްޗެކެވެ. ޒުވާންކަންމަތީ ދެމިހުރުމަށް އެހީވެދޭ މާއްދާއެއް ކަމަށްވާ އެންޓި އޮކްސިޑެންޓް އައިސްޓީގައި އެކުލެވެ އެވެ.

ކަށިތައް ވަރުގަދަ ކޮށްދޭ

ކިރު ބުއިމުން ކަށިތަށް ވަރުގަދަވާ ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް އައިސް ޓީ ބުއިމުން ކަށިތައް ވަރުގަދަވާކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ސިއްހީ ތަޖުރިބާ ކާރުންގެ ދިރާސާތަކުން ދައްކާ ގޮތުން އުމުރުން 10 އަހަރަށް ވުރެ ބޮޑުވުމަށް ފަހު އައިސް ޓީ ބޯ މީހެއްގެ ކަށިތައްް އައިސް ޓީ ނުބޯ މީހަކާއި ތަފާތުވެ ކަށިތަށް ވަރުގަދަވެގެން ދެ އެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ހަށިގަނޑުގައި އެކުލެވޭ ލޭ ހޮޅިތަށް ބެދުމަކީ ސްޓްރޯކާއި ހާޓް އެޓޭކަށް މަގުފަހިވާ ކަމެކެވެ. ޑޮކްޓަރުން ލަފާ ދެއްވާ ގޮތުން އައިސް ޓީ ބޯ ނަމަ ލޭ ހޮޅިތައްް ބެދުމަށް މެދުވެރިވާ ކަން ކަމުން އިންސާނާ ސަލާމަތްވާނެ އެވެ.

އައިސް ޓީ ހެދުމަށް ބޭނުންވާ ތަކެތި

ބޭނުންވާނެ ތަކެތި

- ސައިފަތް

- ލުނބޯ

- އައިސް

- ފެން

ފެނުގެތެރެއަށް ޓީ ބޭގް ލައްވާށެވެ. އަދި އޭގެ ތެރެއަށް ލުނބޯ ހުތް ފެލާލުމަށް ފަހު ފަސްމިނެޓް ބަހައްޓަވާށެވެ. އަދި އެއަށް ފަހު ޓީ ބޭގް ތަށީގެތެރެއިން ނަގާށެވެ. ސައި ތަށި ފިނިވަންދެން ފްރިޖްގައި ބަހައްޓަން ވާނެ އެވެ. އަދި އެއަށް ފަހު ސައި ތަށިގެ ތެރެއަށް އައިސް ކިބު އެޅުމަށް ފަހު ބޯލާށެވެ. ބޭނުން ނަމަ ރަހަލާވަރަށް ހަކުރުކޮޅެއް އެޅިދާނެ އެވެ.