06 Apr 2015, 13:01
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް ކާމިޔާބު ކުރިއިރު، ސެލްޓަ ވީގޯ އަތުން 1-0 ގެ ހަނި ކާމިޔާބީއެއް ބާސެލޯނާ ވެސް ހޯދައިފިއެވެ.
ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއްނަގާފައިވާ ބާސާ މިހާރު ވަނީ މުޅިއަކު 71 ޕޮއިންޓް މުބާރާތުގައި ހޯދާފައެވެ. އަދި ދެވަނައިގައި ރެއާލް 67 ޕޮއިންޓާއެކު އޮތްއިރު، ތާވަލްގެ ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 62 ޕޮއިންޓާއެކު އެވެ.
ގްރެނާޑާއާ ދެކޮޅަށް ރެއާލް ރޭ ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ލީޑު ހޯދަދިނީ 25 ވަނަ މިނެޓުގައި ގެރެތު ބޭލް އެވެ. އޭގެ ފަސް މިނެޓު ފަހުން ރޮނާލްޑޯ މެޗުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު، އޭނާ ވަނީ ފުރަތަމަ ހާފްގައި އަށް މިނެޓުތެރޭ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފައެވެ.
މެޗުގެ ދެވަނަ ހާފް ފެށިތާ ހަތް މިނެޓުތެރޭ ރެއާލްގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި ރޮނާލްޑޯ އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކުރިއިރު، އޭގެ ދެ މިނެޓު ފަހުން ބެންޒެމާ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ރެއާލްއަށް ހަތް ލަނޑުގެ ލީޑެއް ހޯދަދީފައެވެ.
ގްރެނާޑާއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ރޮބާޓް އިބަނައިޒް އެ ޓީމަށް ކާމިޔާބު ކޮށްދިނީ 74 ވަނަ މިނެޓުގައެވެ. އަދި 83 ވަނަ މިނެޓުގައި ގްރެނާޑާގެ ޑިފެންޑަރު ޑިއޭގޯ މެއިންޒްގެ އަމިއްލަ ގޯލަކާއެކު ރެއާލްއަށް އިތުރަށް ލީޑު ފުޅާވެގެން ދިޔައިރު، ރޮނާލްޑޯ ވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މެޗުގައި އޭނާގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށް، ރެއާލްގެ ލަނޑުގެ އަދަދު ނުވަޔަކަށް ފުޅާކޮށްލާފައެވެ.
ރެއާލް މެޗާ ޚިލާފަށް، ރޭ ބާސާ ކުޅުނު މެޗުގައި އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 73 ވަނަ މިނެޓުގައި ޖެރެމީ މެތިއުގެ ފަރާތުންނެވެ. އަމިއްލަ ދަނޑުގައި މެޗު ކުޅުނު ސެލްޓަ ވީގޯ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، އެ ހާފްގައި އެ ޓީމަށް ވަނީ ލީޑު ނަގާނެ ގިނަ ފުރުސަތުތަކެއް ލިބި ގެއްލިފައެވެ.
މެޗުގެ ދެވަނަ ހާފް ފެށިތާ ތިން މިނެޓުތެޜޭ ނޭމާ ބާސާއަށް ލަނޑެއް ކާމިޔާބު ކޮށްދިން ނަމަވެސް، އޮފިޝަލުން އެ ލަނޑު ކަނޑައެޅީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އެ ހާފްގައި ބާސާވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާނަމަވެސް، ސެލްޓަ ވީގޯ ވަނީ އެކި ފަހަރު މަތިން ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗުގެ ފަހު ވަގުތުކޮޅު ބާސާ ލީޑު ނެގުމުން ނަތީޖާ ހަމަހަމަ ކުރަން އެ ޓީމް ގިނަ މަސައްކަތްތަކެއް ކޮށްފައި ވިނަމަވެސް، އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.