އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާ ނުލައި މިރޭ ބާސެލޯނާއިން ޔުއެއާ ޗެމްޕިއަންސް ލީގަށް ނިކުންނާނެއެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައި ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި ލަސް ޕަލްމަސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ވާތު ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސް އެނާ ވަނީ ދެ މަހަށް ކުޅުމާ ދުރައްދާން ޖެހިފައެވެ.

ލީގްގައި މެސީ ނުލައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާ ބާސެލޯނާ މިރޭ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސުޓޭޖް ގެ ތިން ވަނަ މެޗުގައި ރާއްޖޭގަޑިން 11:45 ގައި ރަށުން ބޭރުގައި ބެލެރޫޝިޔާގެ އެފްސީ ބޭޓް ބޮރިސޯވްއާ ދެކޮޅަށް ނިކުންނާނެއެވެ.

މެސީ ނެތި ބާސެލޯނާ ކުޅުނު ނަމަވެސް އެ ޓީމްގެ ބުރެޒިލް ފޯވާޑް ނޭމާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި އެ ޓީމް މޮޅުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މެޗްގެ ކުރިން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗް ލުއިސް އެންރިކޭ ބުނީ އެ މީހުންނަކީ ފޭވަރުޓުން ނޫންކަމަށާއި އެފްސީ ބޭޓް ބޮރިސޯވް އަކީ އެ މީހުންގެ ލީގުގެ ޗެމްޕިއަނުން ކަމަށެވެ.

"އަހަރަމެން އެއްވެސް މެޗެއް ފަސޭހަކޮށް ނުލާނަން. ހަތަރު އަހަރު ކުރިން ބާސެލޯނާއިން ބޭޓާ ދެ ފަހަރު ބަލި ކުރިން އެހެންނަމަވެސް މިހާރު އެ އީ މުޅިން ތަފާތު ޓީމެއް އެ ކަން އެނގޭނެ އެ ޓީމް އެންމެ ފަހުން ރޯމާއާ ދެ ކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ ހާފް އިން ވެސް،" ސެލޯނާގެ ކޯޗް ލުއިސް އެންރިކޭ ބުންޏެވެ.

ބާސެލޯނާގެ ކޯޗް ލުއިސް އެންރިކޭ ---- ފޮޓޯ: ސްޕޯޓަލް

އެފްސީ ބޭޓް ބޮރިސޯވް އިން ވަނީ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އޭއެސް ރޯމާ ކޮޅަށް ފުރަތަމަ ހާފްގައި ތިން ލަނޑު ޖަހައި 3-2 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފައެވެ. އެ ނަތީޖާއާ އެކު ތިން ޕޮއިންޓާ އެކު އެޓީމް އޮތީ ތާވަލްގެ ތިންވަނައިގައެވެ.

އެ މެޗުން ބަލިވި ރޯމާ އޮތީ އެއް ޕޮއިންޓާ އެކު ތާވަލުގެ ފުލުގައެވެ. ގުރޫޕް އީގައި މިރޭ ރޯމާ ނިކުންނާނީ ޖަރުމަނުގެ ބަޔާން ލެވަކޫސަންއާ ދެ ކޮޅަށެވެ.