21 Feb 2011, 18:58
ގުޅިފަޅުގެ ފުރަތަމަ މަގަށް "ކޯޕަންހޭގަން މަގު"ގެ ނަމުން ނަންދީފި އެވެ.
ގުޅިފަޅުގެ "ކޯޕަންހޭގަން މަގު"ގެ ނަމުން ނަން ދިނުމަށްޓަކައި އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަގު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި ޑެންމާކު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފްރެޑީ ސްވާން އެވެ.
ކޯޕަންހޭގަން މަގު އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަގަކީ ހަމައެކަނި މާއްދީ ގޮތުންވާ މަގެއް ނޫން ކަމަށާއި އެމަގަކީ ގުޅިފަޅު ތަރައްގީކޮށް ތައުލީމާއި ސިއްހަތާއި ފުރިހަމަ ދިރިއުޅުމަކަށް ދެވެން އޮތް މަގެއް ކަމަށެވެ.
ކޯޕަންހޭގަންގެ ނަމުން ގުޅިފަޅުގެ މަގަކަށް ނަން ދިނުމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އެ ނަމުން ގުޅިފަޅުގެ މަގަކަށް ނަންދިނީ 2009 އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި ތިމާވެށީގެ ސަމިޓަކީ ދުނިޔޭގެ ތިމާވެއްޓަށް މުހިއްމު ނިންމުންތަކެއް ނިންމި ސަމިޓެއް ކަމަށް ވުމާއެކު ކަމަށެވެ. އަދި ކޯޕަންހޭގަން އަކީ ކާމިޔާބު ނިންމުންތަކެއް ނިންމި ތަނަކަށްވާތީ އެ ނަމުން ނަންދިނީ ކަމަށް ޒުހައިރު ވިދާޅުވި އެވެ.