06 Apr 2015, 12:57
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިންގަމުން ދަނީ ގަވާއިދާ ހިލާފަށް ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މީޑިއާތަކަށް ހާއްސަކޮށްގެން މަޖިލީހުގައި މިއަދު ދެއްވި ހާއްސަ ސައި ފޮދެއްގައި ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ރިޕޯޓު ކުރަމުން ދަނީ މަޖިލީހުން މީޑިއާތަކަށް ދޫ ކުރަމުންދާ ފީޑު ދޫ ނުކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާތީ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޖިލީހަކުން ނޫޅެން ކޮންމެހެން މީޑިއާތަކަށް ފީޑު ދޫ ނުކުރާ ކަށް. އަޅުގަނޑުމެން ވެސް ބޭނުންވޭ މަޖިލީހުގައި ހިނގަމުންދާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކީ ރަނގަޅު ކަމެއްކަން ރައްޔިތުންނަށް ދައްކާލަން. އެކަމަކު މިއަދު މަޖިލީހުގެ ކަންކަން ދަނީ އެކަހަލަ ގޮތަކަށެއް ނޫން. ގޭގަ ސިޓިން ރޫމުގައި ތުއްތު ދަރިފުޅު ގޮވައިގެން ޓީވީ އިން މަޖިލިސް ބަލާލަން ނުކެރޭ ވަރަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދަނީ. އެހެންވެގެން އަޅުގަނޑުމެންނަށް މަޖިލީހުގެ ފީޑު ދޫ ނުކުރެވިގެން މި އުޅެނީ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު މޫސާ މަނިކު ވިދާޅުވީ މީޑިއާތަކުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާ ގޮތް ލައިވްކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ކިތަންމެހާ ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތު އެކަމަށް ތަން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ މީޑިއާތަކަށް އެކަންކަން [މަޖިލީހުގައި ހިނގާ ކަންތައްތައް] ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރި އެކަކު. ނަމަވެސް ތިބޭފުޅުންނަށް ވަކިން މީޑިއާ ރޫމެއް ހަދާފައި އަޅުގަނޑުމެންނަށް ދެވިދާނެ. އެކަމަކު މައްސަލަ ނުކުންނަ ހިސާބަކީ... ކިހިނެއްތޯ އެނގެނީ ތިބޭފުޅުންގެ މީޑިއާގައި ރިޕޯޓު ނުކުރި ކަމުގައިވީ ނަމަވެސް މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ތިބޭފުޅުންގެ ފޯނުން ނުވަތަ އެހެން އެއްޗަކުން ރިކޯޑު ކުރާ އެއްޗެއް ޝޯޝަލް މީޑިއާގައި ނުފެންނާނެ ކަމެއް. އެ ޑިސިޕްލީން އެބަ ބޭނުންވޭ. އެކަންކަން ނުކުރާނެ ކަމުގެ. އަޅުގަނޑުމެން ވަރަށް ދެރަވެ ތިބޭފުޅުންނަށް މަޖިލީހުގެ ކަންކަން ކަވަރު ކުރަން ދަތިވާތީ،" މޫސަ ވިދާޅުވި އެވެ.
ދެ ފަރާތުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މީޑިއާތަކުން ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ހިނގަމުންދާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ނުގެނެސްދެވޭތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސްއާ ނައިބު ރައީސްއާ ހިއްސާކޮށްފައި އެވެ.
މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މަސީހް ވަނީ މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ "ޑެމޮންސްޓޭޝަން" މީޑިއާތަކަށް ދައްކާލަފަ އެވެ.