06 Apr 2015, 12:15
މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން ފެން ބޭނުން ކުރެވޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ މި ދުވަސްވަރަކީ ހޫނު މޫސުމުގެ އަސަރު އެންމެ ބޮޑަށް ފޯރާ ދުވަސްވަރު ކަމަށާއި މި ދުވަސްވަރު ފެން ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. ތަފާތު ބޭނުންތަކަށް ފެން ބޭނުންކުރާއިރު ފެން އިސްރާފު ނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ފެން ބޭނުން ކުރުމުގައި އިގްތިސާދު ކުރުމަށް ފެން މީޓަރު ޕުރެޝަރު ދަށް ކުރުމާއި ބަދިގެ ސާމާނު ދޮންނައިރު އިސްކުރު ދޫކޮށްފައި ނުބެހެއްޓުމަށާއި ކުޑަކުދިން ފެން ބޭނުން ކުރުމަށް ދޫކޮށްނުލުމަށް އެ ކުންފުނިން އިލްތިމާސް ކުރެ އެވެ. ހަމައެއާއެކު އެއްޗެހި ދޮންނައިރު މަދު އެތިކޮޅުކޮޅުން ދޮވުމުގެ ބަދަލުގައި ދޮންނަމެޝިނުން ދޮދެވޭ އެންމެ ގިނައަކުން ދޮވުމަށް އެ ކުންފުނިން އިލްތިމާސްކުރެ އެވެ.
ފެން ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނާއިރު ދާދި ފަހުން ވެސް ވަނީ އެ ކުންފުނިން މާލެއަށް ދެމުންދާ ފެން ބައެއް ހިސާބްތަކަށް ލިބުން މެދުކެނޑިފަ އެވެ. އަދި އަނެއް ބައި ހިސާބްތަކަށް ޕުރެޝަރުގައި ފެން ލިބުމަށް ދަތިތަކަކާއި ކުރިމަތިވެފަ އެވެ.