މަގުމަތީގެ ހަރަކާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފައިވާތީ އެކަން އަލުން މުރާޖައާ ކޮށްދިނުމަށް އެ ޕާޓީން އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އެކު އެކޮމިޝަނުގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު ކޮމިޝަނުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންގެ ވާހަކަފުޅުތައް ހުރީ އަދާލަތުގެ ހުށަހެޅުން ބަލައިގަންނަ ފަދަ ގޮތަކަށް ކަމަށެވެ.

"...އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުން ބަލައިގަނެވޭ ފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންގެ ވާހަފުޅުތައް ހުރީ. އެހެންވީމާ އަޅުގަނޑުމެން ވަރަށް އުފާކުރިން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެވިވެރިޔާ ކަމަށް ވާތީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އޯގާތެރިކަމާއި އެކީ ކަންތައްތައް ކުރުމަށް ކުރިއްސުރެ ދަންނަވަމުން އަންނަ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަހަމަކޮށް ކަންތައްތައް ކޮށްދެއްވުމަށް ވެސް ދަންނަވަމުން ގެންދެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެންނަށް މިއަދު އެކަމުގެ ޔަގީން ކަމެއް ހަގީގަތުގައި އިލެކްޝަންސް ކޮމިޝަނުން ދެއްވައިފި. އެބޭފުޅުން ވިދާޅުވި ހަމަހަމަކަމާއި އިންސާފުން ކަންތައްތައް ކުރެއްވުމަށް އެބޭފުޅުން ވަރަށް ބޮޑަށް ބައްލަވާނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ދެއްވި ޖަވާބާއި ބެހޭ ގޮތުން ވާހަކަދެއްކެވުމުގެ ކުރިން އޭނާ ވިދާޅުވީ އަދާލަތު ޕާޓީ ޖޫރިމަނާކުރުމަށް އެ ކޮމިޝަނުން ނިންމަވާފައި ވަނީ ޖޫރިމަނާ ކުރަން ޖެހޭ ފަދަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"... އެހެންވީމާ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް މިހުށަހެޅީ ، އަޅުގަނޑުމެން ޖޫރިމަނާ ކުރަން ޖެހޭ ފަދަ އަސާސްތަކެއްގެ މައްޗަށް ބިނާނުކޮށް ޖޫރިމަނާކޮށްފައި ވާތީވެ، އެ ޖޫރިމަނާ ކުރި ކުރުން އަނބުރާ މުރާޖައާ ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކުރިކަން އިއުލާން ކޮށްފައި ވަނީ މިދިޔަ މާޗްމަހުގެ 26 ވަނަ ދުވަހު އެވެ. އެ ޕާޓީ 33000 ރުފިޔާއިން ޖޫރިމަނާކުރިކަން ހާމަކޮށް އެދުވަހު އީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ މުޒާހަރާތަކުގައި ސިޔާސީ ޕާޓީގެ ގާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ޚިލާފަށް، ފުލުހުންނަށް ހަމަލާ ދިނުމާއި، އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި އަމަލުތަކަށް ގޮވައިލުން ފަދަ އަމަލުތައް ހިންގާފައިވާތީ ކަމަށެވެ.