ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޔޮޓު ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިވެވަޑައިގެން ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވަން ނިންމެވުމާ ގުޅިގެން އޭނާގެ އަނބިކަނބަލުން "ފޫޅުދިގުހަނޑީ"ގެ ވާހަކައިން އެ ކަމަށް މިސާލު ޖައްސަވައިފި އެވެ.

ދިޔާނާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެކަމަނާ އަކީ ފޫޅުދިގު ހަނޑީގައި އުޅޭ އައިމިނާބީ ނޫން ކަމަށެވެ. އަދި އެކަމާ އަބަދު ވެސް މަސައްކަތް ކުރައްވާނީ ބޭއިންސާފާއި އަނިޔާއާ ދެކޮޅަށް ކަމަށެވެ.

ޖާބިރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން، ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރާއްޖޭގެ ވެރިކަން "ދުވާލަކު ދެފަހަރު ވެއްޓުމަކީ ގަބޫލުކުރާނެ ކަމެއް ނޫން" ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވި އެވެ.

މިފަހަކަށް އައިސް "އަނިޔާވެރިކަމާ" ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދާ އެކިއެކި އެއްވުންތަކުގައި ސަރުކާރާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ދިޔާނާ އެނާގެ ފިރިކަލުންގެ އެ ނިންމެވުމާ އެއްގޮތަށް ވިސްނުން ނުގެންގުޅުއްވި ނަމަވެސް މީގެ ކުރިން ޕާޓީ ބަދަލުކުރާ ތަން ފެންނަނީ ދެމަފިރިން ވެސް އެކުއެކީގަ އެވެ.