06 Apr 2015, 11:38
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ޖެނެރަލް ސެކްރެޓެރީއަކަށް ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިސްމާއިލް ނިހާދު ހަމަޖައްސައިފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ކްރިކެޓަށް ހިދުމަތް ކޮށްދީފައިވާ އިސްމާއިލް ނިހާދު ސީބީއެމްގެ ޖެނެރަލް ސެކްރެޓެރީއަކަށް ހަމަޖެއްސިކަން ކްރިކެޓް ބޯޑުން ހާމަކޮށްފައި ވަނީ އިއްޔެ އެވެ.
އިސްމާއިލް ނިހާދަކީ ވޭތުވެދިޔަ 20 އަހަރު ރާއްޖޭގައި ގައުމީ ފެންވަރުގައި ކްރިކެޓް ކުޅުމުގެ އިތުރުން، ރާއްޖޭގެ ކްރިކެޓަށް ހިދުމަތް ކޮށްދީފައިވާ ފަރާތެކެވެ. ގައުމީ ފެންވަރުގައި ކްރިކެޓް ކުޅުނު އިރު ނިހާދު ފާހަގަވެފައި ވަނީ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ އެންމެ ހުނަރުވެރި އެއް އުކުންތެރިޔާގެ ގޮތުގައެވެ.
މީގެ ކުރިން 2010 ވަނަ އަހަރު ބެންކޮކް ގައި ބޭއްވި އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) 2010 ޓްރޮފީ ޗެލެންޖުގައި އެއް ވިކެޓުން ސައުދީ އަރަބިއާ ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ރާއްޖެ ހޯދިއިރު، އެ ޓީމުގައިވެސް ނިހާދު ވަނީ ހިމެނިފައެވެ. އެ މުބާރާތުގައި އޭނާގެ ފަރާތުން ހިތްވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ނިހާދު އެވެ.
އެންމެ ފަހުން ގައުމީ ފެންވަރުގައި ނިހާދު ކްރިކެޓް ކުޅެފައި ވަނީ 2012 ވަނަ އަހަރު ބޭއްވި އޭސީސީ އެލީޓް ކްރިކެޓް މުބާރާތުގަ އެވެ. އޭނާ މިހާރު ސީބީއެމްގެ ޖެނެރަލް ސެކްރެޓެރީގެ މަގާމަށް އައްޔަނު ކޮށްފައި ވާއިރު، އެ މަގާމު އެންމެ ފަހުން އަދާކުރި އަލީ ނިޔާޒް 2013 ވަނަ އަހަރު ޖެނެރަލް ސެކްރެޓެރީގެ މަގާމުން ވަކިވީއްސުރެ އެ މަގާމު ހުރީ ހުސްކޮނެވެ.