06 Apr 2015, 10:48
ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ހިނގާފައި އުޅޭ ދެ ސަރަހައްދެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓުރީއިން ބުނެފި އެވެ.
މީގެ ކުރިން ވެސް އެ މިނިސްޓުރީން ވަނީ ހެންވޭރު ރަތްވިލާ މަގާއި ހީނާގޯޅި އެގޮތަށް ބަންދުކޮށްފަ އެވެ. ނަމަވެސް މާގިނަ ދުވަހެއްނުވެ އެ މަގުތައް މިހާރު ވަނީ ހުޅުވާފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފަހަރު ދެ ގޯޅިއެއް ބަންދުކުރަނީ ވަކި ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކުން އަމިއްލައަށް އެދުމުން ކަމަށެވެ. އެ ސަރަހައްދު މިނިސްޓުރީއިން ދިރާސާކޮށްފައިވާއިރު ވަރަށް އަވަހަށް ދެ ގޯޅިއެއް ބަންދުކުރުމަށް ވަނީ ނިންމާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮންމެ ގެއަކަށްގޮސް އެއްކުރި މައުލޫމާތުގެ މައްޗަށް ބަލައި އިރާދަކުރެއްވިއްޔާ އަޅޫގަނޑުމެން ވަރަށް އަވަހަށް މާލޭގެ ސަރަހައްދެއް އެގޮތަށް ބަދަލު ކުރާނަން،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
އެއީ ކޮން ދެ ގޯޅިއެއްތޯ ސުވާލުކުރުމުން އެކަން ކުރުމަށްފަހު ހާމަކުރައްވާނެ ކަމަށް ވިދާޅުވެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ. އެ ދެ ގޯޅި ބަންދުކުރުމަށް ކުރަންޖެހޭ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދެ ގޯޅިއެއް މީގެ ކުރިން ބަންދުކޮށް ގިނަ ދުވަސްތަކެއް ނުވެ އަލުން ހުޅުވާފައިވުމުން އެކަމަށް ދެން އަމަލު ކުރާނީ ކިހިނެއްތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ "ހަމައޭގެ ތެރެއިން މިދަނީ" ކަމަށެވެ.
މިނިސްޓަރު މުއިއްޒު އިތުރަށް ވިދާޅުވީ ސުކޫލުތައް ކައިރި ޕާކް ނުކުރެވޭ އުސޫލަށް އަމަލު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަހުމަދިއްޔާ އާއި އަމީނިއްޔާ ސުކޫލު ނިމޭ ވަގުތުތަކުގައި އެ ސުކޫލްތަކުގެ ގޭޓް ކައިރި ޕާކް ނުކުރެވޭ ގޮތް ހަމަޖައްސާފައިވާއިރު ތާޖުއްދީން ހިނގުމުގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ވެހިކަލް ޕާކް ނުކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އާންމުކޮށް މީހުން އެއްވާ މައިދާން ތަކަށް ވެހިކަލް ދުއްވުން މަނާ ކުރުމުގެ ގޮތުން ސަރުކާރުން ބަންދު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް އަދި ހަވީރު 4:30 އިރުއޮއްސި 6:30 އަށް ލޮނުޒިޔާރަތްކޮޅަށް ވެހިކަލް ނުވަދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.