އުނގެނުމަކީ ނިމުމެއް އޮތް ކަމެއް ނޫނެވެ. ތިމާ ބޭނުންވާ ލަނޑުދަނޑިއާ ހިސާބަށް ވާސިލްވާން އުނގެނެންޖެހެ އެވެ. އެ އަމާޒަށް ވާސިލްވުމަކީ ފަސޭހަކަމެއް ނޫނެވެ. ލަނޑުދަނޑިއާ ހިސާބަށް ވާސިލްވެވޭނީ ގިނަ ހުރަސްތަކެއް ކަޑައްތުކޮށްގެންނެވެ. ތިމާއާ ދޭތެރޭގައި މައިންބަފައިން ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދުމަކީ ކޮންމެ ދަރިވަރެއްގެ ވެސް އުންމީދެވެ.

އޭލަވެލް އިމްތިހާނުގައި ރަންވަނަތައް ހާސިލް ކުރި ދަރިވަރުންނަކީ އެފަދަ ހިތްވަރުގަދަ އަޒުމް ވަރުގަދަ ކުދިން ތަކެކެވެ. އެ ރަން ވަނަތަކަކީ އެ ކުދިން ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހި، ތައުލީމުގެ ބިންގާ އެޅުނު ވަނަތަކެކެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން، ވަނީ އެ ކުދިން އޭލެވެލް އިމްތިހާނުގެ ކާމިޔާބީއާ ހިސާބަށް ވާސިލްވުމަށް ކުރި ދަތުރުގެ ތަޖުރިބާ "ސަން"އާ ހިއްސާކޮށްފައެވެ.

އަހުމަދު ޝައްފާން މުހައްމަދު:

ޝައްފާނަކީ ކުޑައިރުއްސުރެން ވެސް ތަފާތު ކަންތައްތަކަށް ޝައުގުވެރިވާ ކުއްޖެކެވެ. ގާނޫނީ ވަކީލު ކަމުގެ ރޮނގުން އެންމެ ކުރިއަށްދިއުމަކީ ޝައްފާން ކުޑައިރުއްސުރެން ދެކެމުން އަންނަ ހުވަފެނެކެވެ. އޭނާގެ މައިގަނޑު އަމާޒަކަށް އަބަދުވެސްވެފައި އޮންނަނީ އަމިއްލަ ތައުލީމަށް ވިސްނައިގެން ކުރިއަށް ދިއުމެވެ. އެގޮތުން އޯލެވެލް އިމްތިހާނުން ލިބުނު ރަނގަޅު ނަތީޖާއަކީ އޭނާއަށް ލިބުނު އިތުރު ހިތްވަރެކެވެ. ގާނޫނީ ވަކީލަކަށް ވުމަށް "އިންތިހާ"އަށް ބޭނުންވެފައިވާ ޝައްފާނަށް އެ ރޮނގުން ކުރިއަށް ދިއުމަށް އެޅުނު ފުރަތަމަ ބިންގަލަކީ "އޭލެވެލް އިމްތިހާނުގެ ޓޮޕް ޓެން" އެވެ.

ޝައްފާން "ސަން" އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ: އަލީ ނަސީރު

"އަޅުގަނޑަކީ އެއްވެސް އިތުރު ކުއްޖަކާ ވާދަކުރާ މީހެއް ނޫން. އަޅުގަނޑުގެ މެއިން ފޯކަސް އަކީ ކިޔެވުން. އަބަދުވެސް ކަމަކަށް އޮންނާނީ ކިޔެވުން. ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑު އަބަދުވެސް ގެންގުޅެން ބެލެންސް އެއް،" ޝައްފާން ބުންޏެވެ.

"ކިޔެވުމުގައި ވެސް ކުޅިވަރަށް ވެސް ނޫނީ އަދަބީ ހަރަކާތްތަކަށް ވެސް. ދެން ފާހަގަކޮށްލަން މިދިޔަ އަހަރު ވީ ގޮތަކީ އޭލެވެލް މޮކްސް ތެރޭގައި އޮތީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތް. ދެން އަޅުގަނޑަކީ ކޮންމެ އަހަރަކުވެސް ބައިވެރިވާ ކުއްޖެއް. އަޅުގަނޑު ވާހަކަދެއްކި ރޭ ނޫން އަނެއް ދުވަހު އޮތީ ފިސިކްސް ޓެސްޓު. އެކަމަކު އިރާދަކުރެއްވިއްޔާ ވާހަކަދެއްކުމުގެ މުބާރާތުން ވެސް ދެވަނަ ލިބުނު. އަދި ފިޒިކްސް ޓެސްޓުން ވެސް އެހެން ޓެސްޓުތަކަށް ވުރެއް ރަނގަޅު ނަތީޖާއެއް ލިބުން،" ޝައްފާނަށް ލިބުނު ކާމިޔާބީއާ ގުޅޭގޮތުން ބުންޏެވެ.

ޝައުފާ އަހުމަދު:

ގދ. ނަޑެއްލާއަށް އުފަން ޝައުފާއަކީ ވެސް ކިޔެވުމަށް ބުރަ މަސައްކަތްތަކެއް ކުރި ކުއްޖެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އިތުރު ހަރަކާތްތަކުގައި އުޅެމުން ވެސް ކިޔެވުމުން ރަނގަޅު ނަތީޖާއެއް ހޯދޭނެ އެވެ. ކޮންމެ ކަމަކީ ވެސް ބޭނުންވަނީ ތިމާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅުމެވެ. ތިމާ އެކަމަށް ހިތްވަރު ކުރުމެވެ. އެހެންކަމުން ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ އެކިއެކި އިތުރު ހަރަކާތްތަކުގައި ޝައުފާ ބައިވެރިވެ އެވެ. ހާއްސަކޮށް އަދަބީ ކަންތައްތަކުގައި ބައިވެރިވުމަށް އޭނާ އިތުރު ސަމާލުކަމެއް ދެ އެވެ. އޭނާ ބުނި ގޮތުގައި އެ ހުރިހާ ކަމެއް ކުރަމުން ކިޔެވުމަކީ އުނދަގޫ ކަމެއް ކަމަށް ބައެއް ކުދިން ދުށް ކަމުގައި ވިޔަސް ތިމާ އަމިއްލައަށް ބަހާލައިގެން އެކަންކަން ކުރުމަކުން ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެ އެވެ. ޝައުފާ ބުނީ ހަމައެކަނި ކިޔެވުމަށް އަހައްމިޔަތުކަން ދިނުމަކީ އޭނާއަށް "ހިތްހަމަޖެހުން ލިބޭ ކަމެއް" ނޫން ކަމަށެވެ.

ޝައުފާ: އޭނާ ވަނީ މުޅި ރާއްޖެއިން އެއްވަނަ ހާސިލްކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނިފައި-- ސަން ފޮޓޯ: އަލީ ނަސީރު

"އަބަދުވެސް އަޅުގަނޑުގެ މައިންބަފައިން ކުޑައިރުންސުރެން ވެސް އޮންނަނީ ދަސްކޮށްދީފައި ވަގުތުތައް ބަހާލައިގެން ކުރިއަށް ގެންދަން. އަޅުގަނޑަކީ އުފެދުމުގައި ވެސް ވަރަށް ސަކަ މިޒާޖެއްގެ މީހެއް. އަބަދުވެސް ވަރަށް ރަށްޓެހިންނާއެކު އުޅޭ ހިތްވާނެ. ފެމިލީ އެންމެނަށް ވެސް ހަމަ ވަގުތު ދެމުން ކިޔަވަނީ. ބައެއް ކުދިން ބުނެފާނެ ޓައިމް ޓޭބަލެއް ހަދައިގެންނޭ ވަގުތުތައް ބަހާލައިގެން އުޅެނީ ވެސް. އެކަމަކު ވެސް ޓައިމްޓޭބަލެއް ނުހަދާ ވެސް އަމިއްލަ ސިކުނޑީގައި ކުރަންވީ ކަންތައްތައް ބަހާލައިގެން އުޅެނީ. ދަންނަވަން މި އުޅެނީ ޓައިމް ޓޭބަލެއް ހަދައިގެން މަސައްކަތް ކުރުމަކީ ބައެއް ކުދިންންނަށް ފަސޭހަ ކަމަކަށް ވެދާނޭ. ނަމަވެސް އެއީކީއެއް 'މަސްޓެއް' ނޫން ކަންނޭނގެ ކޮންމެހެން ޓޭބަލެއް ހަދައިގެން ކިޔެވުމުގެ ކަންތައްތައް ކުރުމަކީ،" ޝައުފާ ބުންޏެވެ.

އަންސާނާ އާދަމް:

ހދ. ކުޅުދުއްފުށްޓަށް އުފަން އަންސާނާ އާދަމް އަކީ އެންމެ ފުރަތަމަ ރަށު ސުކޫލުން ކިޔެވުމަށް ފަހު ރަނގަޅު ތައުލީމީ ގާބިލް ކުއްޖަކަށް ވުމުގެ އުއްމީދުގައި މާލެއަށް ކިޔެވުން ބަދަލުކުރި ކުއްޖެކެވެ. މާލެއަށް އައުމުން އަންސާނާއަށް ތަފާތުތަކެއް ފާހަގަކުރެވުނެވެ. ރަށުގައި ކިޔަވައިދޭ ގޮތާ މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ގޮތާއި އުސޫލުތައް ތަފާތު ވީމައެވެ. ޑޮކްޓަރު ކަމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވެފައި ހުރި އަންސާނާއަށް އެކަމުން ލިބުނީ އާ ހިތްވަރެކެވެ. އެހެންކަމުން އޭނާގެ ކިޔެވުން 'ގިޔަރު މަތިކޮށްލުމަށްފަހު' ކިޔެވުމުގެ މިސްރާބު ކުޑަ ތަންކޮޅެއް ވެސް އަނބުރާ ނުލައި އޭނާގެ މަންޒިލާ ހަމައަށް ވާސިލް ވުމަށް މަސައްކަތް ފެށިއެވެ. މައިންބަފައިން ދެކެމުންއައި ފޮނި ހުވަފެންތައް މި މަހުގެ އެއްވަނަ ދުވަހު އަންސާނާ ވަނީ ފުރިހަމަ ކޮށްދީފައެވެ. ޑޮކްޓަރަކަށް ވުމަށް ދަތުރުކުރަން ޖެހޭ ރާސްތާ ހޯދީއެވެ. ދެން އޮތީ އެ މަންޒިލަށް ވާސިލްވުމަށް ދަތުރުފެށުމެވެ. އަންސާނާ ގަބޫލު ކުރާ ގޮތުގައި ބޮޑު ކިޔެވުމެއް ކިޔަވާއިރު ޓިއުޝަން ނަގަންޖެހެ އެވެ. އަދި އޭނާއަކީ ޓިއުޝަނަށް ދަމުން އެހެން ކުދިންނަށް ޓިއުޝަން ދޭ ކުއްޖެކެވެ. ޓިއުޝަން ދިނުމަކީ ވެސް އޭނާ ކުރާ ހިތުން ކުރާ ކަމެއް ކަމަށް އަންސާނާ ބުންޏެވެ.

މުޅި ރާއްޖެއިން އެއްވަނަ ހާސިލްކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނުނު އަންސާނާ "ސަން" އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ: އަލީ ނަސީރު

"އަސްލު ކުދިންނަށް އެއްޗެއް ކިޔަވައި ދިނުމަކީ ވެސް އަމިއްލައަށް ވަރަށް ބޮޑު ޕްރޮފިޓެއް ލިބޭކަމެއް. އޭރުން އެ ލިބޭ އެއް ޕްރޮފިޓަކީ އެނގޭނެ ތިމަންނައަށް މި އެއްޗެއް އެބަ އިނގޭކަން. އަބަދުވެސް ހުންނާނީ އެ އިލްމު ރިފްރެޝްވެފައި،" ލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނުނު އަންސާނާ އޭނާގެ ތަޖްރިބާ "ސަން" އަށް ހިއްސާކުރަމުން ކިޔައިދިނެވެ.

"ސްކޫލުގައި އުޅޭއިރު ވެސް ތިމަންނައަަށް އިނގޭ އެއްޗެއް އެހެން ކުދިންނަށް ކިޔާ ދިނީމަ އަމިއްލައަށް އިންނާނެ ވަރަށް ބޮޑު ކޮންފިޑެންސް، ފިލާވަޅު ތިމަންނައަށް އެނގިއްޖެކަން،"

އަހުމަދު ޖިލާއު:

ހއ. ކެލައަށް އުފަން އަހުމަދު ޖިލާއުއަކީ ވެސް މިފަހަރު އޭލެވެލްގެ ގަދަ ދިހައެއްގެ ތެރޭގައި ހިމެނުނު ދަރިވަރެކެވެ. އޭނާ ބުނީ ކިޔެވުމަކީ އޭނާ އަބަދުވެސް އެންމެ އިސްކަމެއް ދީގެން ކުރާ ކަންތައް ކަމަށެވެ. މިއަދު އޭނާއަށް ލިބިފައިވާ ކާމިޔާބީއެއް ވާނަމަ އެ ކާމިޔާބީގެ ސިއްރަކީ "ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި" އެ ކުރާ ކަމެއް ކުރުމެވެ. އެފަދަ އަޒުމެއް ނެތި އޭނާ އުޅުނު ނަމަ މިއަދު އޭނާއަށް މިފަދަ ކާމިޔާބީއެއް ނުލިބޭނެ ކަމަށް ޖިލާއު ބުންޏެވެ.

ޖިލާއު: އެހެން ހުރިހާ ކަމަކަށް ވުރެއް ބޮޑަށް ކިޔެވުމަކީ އޭނާއަށް އެންމެ މުހިއްމު ކަންތައް ކަމަށް ބުނި-- ސަން ފޮޓޯ: އަލީ ނަސީރު

ކޮންމެއަކަސް މިކުދިންގެ ވާހަކަތަކުން އެނގިގެން ދިޔަ އެއް ކަމެއް އެބައޮތެވެ. އެއީ އެކުދިންނަށް ލިބުނު ކާމިޔާބީތަކުގެ ސިއްރަކީ "ހިތްވަރާއި ވަރުގަދަ އަޒުމް" ކަމެވެ. އެ ކުދިންގެ ހިތްވަރާއި ވަރުގަދަ އަޒުމެވެ. މިއަދު އެކުދިންގެ ތައުލީމީ ހަޔާތް ނިމުނީކީ ނޫނެވެ. އެކުދިންގެ ތައުލީމީ ހަޔާތުގެ ބިންގާ އަދިކިރިޔާ އެޅުނީއެވެ. އެކުދިންގެ އުއްމީދަކީ ގައުމަށް ފައިދާ ކުރުވަނިވި މަސައްކަތެއް ކޮށްދިނުމެވެ. އެ އުންމީދަށް ވާސިލްވުމަށް ނަމޫނާ ދަރިވަރުންތަކަކަށް ވުމެވެ. އަމިއްލަ ދިރިއުޅުމަށްޓަކައި އަދި ތިމާއާ ދޭތޭރޭގައި، އާއިލާއާއި ރަހްމަތްތެރީން ދެކެމުން އަންނަ ހުވަފެންތަކުގައި ހަގީގީ ކުލަޖައްސައި ދިނުމެވެ.

އެކުދީން ހިއްސާކުރީ އެކުދީންގެ މަންޒިލަށް ވާސިލްވުމަށް ކުރާ ދަތުރުގެ ތަޖްރިބާއެވެ. އަދުގެ ކިޔަވާ ކުދިން ވެސް ޝައްފާނާއި ޝައުފާއާއި އަންސާނާ އަދި ޖިލާއު ފަދައިން އެކުދިންގެ ކާމިޔާބީތަކުގެ އަލީގައި އިބުރަތް ހާސިލުކޮށް އެފަދަ ކުދިންތަކަކަށް ވުމަށް އަޒުމް ކަނޑައަޅަންވީއެވެ. އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ހުރިހާ ކުދިން ހޯދި ކާމިޔާބީތަކަށް އައްސަރިބަހާ ސާބަސް ދެމެވެ.