21 Feb 2011, 18:44
ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހީމް، މިނިސްޓާ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓްގެ މަގާމަށް ބަދަލުކުރައްވައި، ހައުސިންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޝާހިދު، ކޮންޓްރޯލާގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
މަގާމު ބަދަލުކުރެއްވިކަމުގެ ޗިޓު މިއަދު ހަވީރު ލިބިވަޑައިގެންފައިވާ ކަމަށް އެ ދެބޭފުޅުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ކޮންޓްރޯލާގެ މަގާމަށް ހަމަޖެއްސެވި ޝާހިދު މިއަދު ވިދާޅުވީ، މާދަމާ އޭނާ ވަޑައިގަންނަވާނީ އިމިގްރޭޝަން އޮފީހަށް ކަމަށެވެ. އަދި އެކި ކަންކަމުގައި ރައްދު ނުދެއްވައި، އޮފީހުގެ މަސައްކަތްތައް ވީހާ ވެސް ރަނގަޅަށް ކުރިއަށްގެންދެވުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާނަން ވީހާވެސް ރަނގަޅަށް ކަންކަން ކުރަން،" އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.
ހައުސިންގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވި އިލްޔާސްއާ ހަވާލުކުރައްވަނީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު ހިންގެވުމަށް ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، މާދަމާ ޑިޒާސްޓާ ސެންޓަރު އޭނާއާ ހަވާލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށާއި މާދަމާ އެ އޮފީހަށް ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.
ކޮންޓްރޯލާގެ މަގާމުން އިލްޔާސް ވަކިކުރައްވައި، އެހެން އޮފީހަކަށް ބަދަލުކޮށްފައި މިވަނީ، 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އިމިގްރޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސައްކަތް ހުއްޓުވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އެ މަސައްކަތް ހުއްޓުވީ އެމްޑީޕީގެ އިސް ބޭފުޅުންކޮޅެއް ކަމަށް ވިދާޅުވެ، އިލްޔާސް ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުއްވާފައިވާ ރިޕޯޓެއް ވެސް ދާދިފަހުން ވަނީ ލީކުވެފަ އެވެ.