06 Apr 2015, 00:27
ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމަށާއި އޮޑިބަނދެ، ނަމަވެސް ފައިސާ ނެތިގެން މަސްވެރިކަން ނުފެށިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރާ ލޯނު އިތުރު ހަ ފަރާތަކަށް ދޫކޮށްފި އެވެ.
ޒުވާން އޮޑިވެރިންނާއި މަސްވެރިންނަށް ސަރުކާރުން ދޫކުރާ ލޯނު އިތުރު ހަ ފަރާތަކަށް ދޫކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ވެލާނާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި، ރަސްމިއްޔާތެއްގައި ވަނީ، މި ސްކީމްގެ ދަށުން 14 ފަރާތަކަށް ލޯނު ހަވާލުކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މިހާތަނަށް ލޯނު ދޫކޮށްފައިވާ އޮޑިވެރިންގެ ތެރޭގައި ގިނައަދަދެއްގެ އަންހެނުން ވެސް ހިމެނޭ ކަމަށެވެ.
މިދިޔަ މަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝައިނީ ވިދާޅުވެފައި ވަނީ، އެ ލޯނު ސްކީމުގެ ސަބަބުން ދޯނި ނުބޭލި ތިބި ފަރާތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މިއީ "ރައްޔިތުންގެ ފައިސާ އިން ރައްޔިތުންގެ ބަޖެޓްގައި ހިމަނައިގެން" ދޫކުރާ ލޯނެއް ކަމަށްވުމުން މި ލޯނު ރަނގަޅުގޮތުގައި ބޭނުން ނުކުރެވޭނަމަ އެއީ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށެވެ.
"އެހެންވީމާ ލޯނު ނަންގަވާ ހުރިހާ ބޭފުޅުން ވެސް ލޯނު ނެންގެވި ސަބަބަށް ލޯނު ބޭނުން ކުރުމާއި ވީހާ ވެސް ވަފާތެރިކަމާ އެކު ލޯނު އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް،" ޑރ. ޝައިނީ ވިދާޅުވި އެވެ.
މީގެއިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން އުފެއްދުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ 50،000 ރުފިޔާގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.