05 Apr 2015, 23:36
މާފަންނު ގަޑިބުރު ހުރިތަނުގައި އަލުން ބޮޑުގަޑިއެއް ބަހައްޓާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ސަން ޓީވީގެ ފަންސާސް މިނެޓް ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރީގެ މަޝްހޫރު "ގަޑިބުރު" ހުރި ތަނުގައި އަނެއްކާ ވެސް މޮނިއުމަންޓެލް ގަޑިއެއް ބެހެއްޓުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު އިޢުލާން ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ގަޑިބުރު ހުރި ތަނުގައި އަލުން ގަޑިއެއް ބަހައްޓަން ނިންމީ، މިނިވަން ފަންސާސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.
"ގަޑިބުރުގައި މޮނިއުމަންޓަލް ގަޑިއެއް ބެހެއްޓުމަށް މިހާރު މިވަނީ ނިންމާފައި. މިނިވަން ފާންސާސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭކަމެއް އެކަމަކީ ވެސް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ގަޑިބުރު ހުރި ސަަރަހައްދުގައި ކުރިން ހުރި ބޮޑުގަޑިނަގައި، އެ ބުރު ތަޅާޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ.
މިނިސްޓަރު ވިދާޅުވީ، މިނިވަން ކަމަށް ފަންސާސް ފުރުން ފާހަަގަކުުރުމަކީ ވަރަށް އައުލާކަން ބޮޑު ކަމެއްގެ ގޮތުގައި މިސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ މައިދާނުގައި ހަދާ ފެންއަރުވާވަޑާމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިވަން ދުވަހަށް ބަހައްޓާ ފެންއަރުވާވަޑާމުގެ މަސައްކަތްތަކާއި ފެހިކުރުމާއި މާ އިންދުމާއި މަގުތައް ރީތިކުރުމާ މިހެން ގޮސް ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ. މާލޭގެ މަގުތަކުގައި ބޮކިފަތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިރޭގެ ޕްރޮގްރާމްގައި ހުޅުމާލެ ބްރިޖްގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖަކުން މާލެ އާއި ހުޅުމާލެ ގުޅާލެވިގެން ދިޔައިމަ، ހުޅުމާލެ ހަގީގީ ސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އޭރުން މާލެއަށްވުރެ ހުޅުމާލޭގައި މީހުން އުޅެންބޭނުންވާ މިންވަރު އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިވަގުތު ހުޅުމާލެއަކީ ގިނަ ބަޔަކު ނިދާލަން ބޭނުންކުރާ ތަނެއް. އެހެން ނަމަވެސް ބްރިޖަކުން ހުޅުމާލެއާއި މާލެ އެއްފަސްވީމަ ހުޅުމާލެ ހަގީގީ ސިޓީއަކަށް ވެގެންދާނެ. އިރާދަކުރެއްވިއްޔާ މިސަރުކާރުގެ ފަސް އަަހަރު އެކަން ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.