05 Apr 2015, 21:00
ޝީޝާގެ ނަމުގައި ގުޅައިގެން އެކި ފަރާތްތަކުން ރީލޯޑްގެ ގޮތުގައި ފައިސާ ހޯދަމުން ދިއުމަކީ "ރީލޯޑް ކުރުމުގެ ސްކޭމް" އެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޝީޝާގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ޝީޝާގެ ނަމުގައި ދިރާގުގެ ޕްރީޕެއިޑް ފޯނު ނަންބަރު ތަކަކުން އަމިއްލަ ފަރުދުން ލައްވައި ގިނަ އަދަދެއްގެ ފައިސާ އެ ނަންބަރުތަކަށް ރީލޯޑް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފަރާތްތަކުން ސައިކަލް ފަދަ ބޮޑެތި އިނާމުތަކެއް ހުށަހަޅަމުން އަންނަ ކަމަށާއި އެއީ ޝީޝާ އިން ކުރާކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ގުޅާފަ ބުނަނީ ސައިކަލެއް ލިބޭނެއޭ. މި ނަންބަރަށް މިވެނި އަދަދަކަށް ރީލޯޑް ކޮށްލާށޭ. އެބަހުރި 2000 ވަރަކަށް ރުފިޔާ ވެސް ރީލޯޑް ކޮށްފަ. ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އެފަދަ 60 މައްސަލައެއް ނޯޓިސް ކުރެވިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، އެ ކަމަކީ ޝީޝާއިން ކުރަމުން އަންނަ ކަމެއް ނޫންކަން ހުރިހާ އާންމުންނަށް އަންގާ ކަމަށެވެ. އަދި "ޝީޝާ އިން ހިންގާ ޕްރޮމޯޝަންތަކުގައި ބޭނުންކުރެވޭނީ ޝީޝާ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލޭންޑް ލައިނާއި ޕޯސްޓްޕެއިޑް މޮބައިލް ލައިންތައް" ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ދާދިފަހުން ދިރާގުން ވެސް ވަނީ އެފަދަ "ފޭކް ފޯނުކޯލް" ތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. ދިރާގުގެ ސީނިއާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، އެފަދަ ފޯނުކޯލަކުން މީހަކު ރީލޯޑެއް ކޮށްދޭން އެދިފި ނަމަ އެފަދަ ނަންބަރުތަކަށް ރީލޯޑް ނުކޮށްދޭން އިލްތިމާސް ކުރާ ކަމަށެވެ.