05 Apr 2015, 20:05
މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުގެ ބައެއް ހިދުމްތަކަށް ބުރޫ އަރައިފިއެވެ.
މިއަދު ހަވީރުން ފެށިގެން ދިރާގުގެ ބައެއް ނަމްބަރުތަކުން ފޯނުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު އެސްއެމްއެސް ކުރުމަށް ވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން މެސެޖު ނުކުރެވުމާއި، ކުރާ އެއް މެސެޖް، އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް 'ޑެލިވަރ'ވުން ހިމެނެއެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު މާކެޓިން ޕަބްލިކް ރިލޭޝަންސް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފޯނުކުރުމަށާއި އެސްއެމްއެސް ކުރުމަށް މީގެ 15 ވަރަކަށް މިނެޓު ކުރިން މައްސަލަތަކެއް ފެންމަތިވި ކަމަށާއި ނަމަވެސް އެކަން މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
"ކުޑަޓެކްނިކަލް ކަމެއް އެއީ، މިހާރު އެއޮތީ ހައްލުވެފައި. މިހާރު އެކަމުގައި އެއްވެސް މައްސަލައެއް ނޫޅޭނެ،" އިމްޖާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ ސިސްޓަމެއް ފެއިލް ވެގެން ދިމާވި މައްސަލައެއް ނޫން ކަމަށާއި ދިމާވި ކުޑަ ޓެކްނިކަލް މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އެމައްސަލަ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ދިމާނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.