މާރާމާރީގެ މައްސަލަތަކާއި މަރުގެ މައްސަލަތައް ފަދަ ނުރައްކާތެރިކުށްތައް ކުރުން ފަހަކަށްއައިސް އިތުރުވަމުންދާކަމަށް ފާހަގަކުރެވޭތީ އެކަންތައް ހުއްޓުވައި އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި އެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާގުޅޭގޮތުން މައުލޫމާތު ހޯދުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މިއަދު މެންދުރު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިން ގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ، އެފަދަ މައްސަލަތަކުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްވެސް އިތުރު ސަމާލުކަމެއް ދީގެން ކުރަމުން ގެންދާކަމަށެވެ. އަދި ވިދާޅުވީ މަރުގެ ހުރިހާ މައްސަލައެއްގެ ތަހުގީގަށް ވެސް ކުރިއެރުންތައް ލިބިފައިވާކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަށް މައްސަލަތަކުގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ކަމަށެވެ.

މަސައްކަތްކުރުމަށް ރާއްޖެ އައިސްތިބޭ ބިދޭސީންނަށް އަމާޒުކޮށް މިހާރަކަށް އައިސް، ހިންގަމުންދާ މާރާމާރީތަކާ ގުޅޭގޮތުން ހުސައިން ވަހީދު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން، އެ މާރާމާރީތައް ހިނގާފައިވާ ޕެޓާންއަށް ބަލާއިރު އެއީ މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފައްދައި ޤައުމުގެ އަގުވައްޓާލުމަށް ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރަމުންދާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މިކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙަސަން ހަބީބް ވިދާޅުވީ މިފަދަ ނުރައްކާތެރި ކުށްތައް މަދުކުރުމަށް ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށް ދެކިލައްވާކަމަށެވެ. އަދި މާލެއަކީ ކުޑަތަނަކަށް ވުމުން އެފަދަ މައްސަލަތަކުގައި ހެކިބަސް ލިބުމުގައި ދަތިތަކެއް ހުރިކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، އެ ކޮމިޝަންގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފު ވިދާޅުވީ މިހާރު ބަލަމުންދާ މައްސަލަތަކުގެ ރިޕޯޓް ވަރަށް އަވަހަށް އާންމު ކުރައްވާނެކަމަށާއި ބައެއް މައްސަލަތައް ދިގުލައިގެން ގޮސްފައިވާކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން، ޕޮލިސް އިންޓެގްރިޓީ ކޮމިިޝަނުން ބަލަމުންދާ މައްސަލަތައް ބެލުމުގައި ފުލުހުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.