06 Apr 2015, 01:03
ރެހެންދި ފްލެޓުން ސަރުކާރަށް ލިބުނު ފުލެޓްތައް ދޫކުރިގޮތާމެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ މަގާމްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ މަގާމުގެ މުއްދަތުގެ ތެރޭގައި، އެ ފަރާތްތަކުގެ ބޭނުންތަކާއި ކުރަންޖެހޭ މަސައްކަތާއި ގުޅިގެން އިމްތިޔާޒުތަކާ އިނާޔަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންޖެހޭނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
ސަރުކާރުން ފްލެޓު ދީފައިވާ ބޭފުޅުންނަކީ ދައުރު ކަނޑައެޅިފައިވާ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ކަމުގައިވާތީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަމީނީމަގުގައި ގާއިމްކޮށްފައިވާ "ރެހެންދި" ފްލެޓުން ސަރުކާރަށް ލިބިފައިވާ ފްލެޓުތައް ދޫކޮށްފައިވާ ބޭފުޅުންނަކީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާއި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސްއޭޝަން ޔަޒީދު މުހައްމަދާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެވެ.