21 Feb 2011, 18:36
ގުޅިފަޅުގެ ދެ ވަނަ ފިޔަވަހީގެ ދަށުން، 40 ހެކްޓަރުގެ ބިން ހިއްކައި، ބްރިޖަކުން ވިލިމާލެ އާއި ގުޅީފަޅާ ގުޅާލައި ތަރައްގީ ކުރުމަށް އެންމެ ކުޑަކޮށް ނަމަވެސް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
"ގުޅިފަޅު ދަ އައި އޮފް މޯލްޑިސް"ގެ ދެ ވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގުޅިފަޅުގެ މަޝްރޫއަކީ ބޮޑު ޕްރޮޖެކްޓެއް ކަމަށާއި ރާއްޖޭގައި އެފަދަ ބޮޑު މަޝްރޫއެއް މިހާތަނަށް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެ މަޝްރޫއަށް އެންމެ ކުޑަކޮށް ވެސް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މީގާ އެންމެ ކޮޑަކޮށް ވެސް ކިޔޭއިރުގައި ވެސް 600 މިލިއަން ޑޮލަރާ ހަމަޔަށް ވެސް އެބައަރާ،"
ގުޅިފަޅުގެ މަޝްރޫއަކީ ޑެންމާކުގެ ސަރުކާރުގެ އެހީގައި ކުރިއަށްދާ ޕްރޮޖެޓެއް ކަމަށް ފާހަގަކުރައްވައި ރައީސް ވިދާލުވީ އެ މަޝްރޫޢަށް ދިވެހި ސަރުކާރުން ވަގުތުން ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި އެހެންނަމަވެސް، ގުޅިފަޅުގައި ގެތައް ޢިމާރާތްކުރަނީ ކުންފުނިތަކުން ކަމަށް ވުމާއެކު އެ ގެތައް ވިކެން ޖެހޭނެ ކަމަށެވެ. އަދި ނުވިކޭ ގެތައް ސަރުކާރަށް ގަންނަ ގޮތަށް ނިންމާފައިވާ ކަމަށާއި އެއީ ސަރުކާރުން ދެއްވާ ގެރެންޓީ ކަމަށް ވިދާޅުވި އެވެ.
ވުމާ އެކު ގުޅިފަޅުގެ މުޅި މަޝްރޫޢުގެ އަގު ދައްކަވަން ތައްޔާރުވެގެން ތިއްބެވި ދިވެހި ރައްޔިތުން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
"ކުންފުނިތަކަށް, އެ ބޭފުޅުން އިމާރާތްކުރައްވާ ގެތައް ވިކެން ޖެހޭނެ. ސަރުކާރުން އެއްބަސްވެފައި ވާނީ ނުވިކޭ ގެ ސަރުކާރުން ގަތުމަށް. އެހެންވީމަ އެއީ ސަރުކާރުން ދޭ ގެރެންޓީ އަކީ. ހަގީގަތުގައި މުޅި މި ޕްރޮޖެކްޓަށް އަގު ދައްކަން ވެގެން ތައްޔާރުވެ މި ތިބީ ދިވެހި ރައްޔިތުން,"
މިއަދު ރައީސް އޮފީހުގައި ބޭއްވި ރައިސްމިއްޔާތުގައި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީން ހާމަކޮށްފައިވާ ގޮތުން ގުޅީފަޅުގެ ތަރައްޤީ ކުރުމުގެ ދެ ވަނަ ފިޔަވަހީގައި އެ ފަޅުން މަދުވެގެން 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އެ 40 ހެކްޓަރަކީ މާލޭގެ ބައެއްގެ ގޮތުގައި މީހުން ދިރިއުޅޭ ޓައުންޝިޕެއްގެ ގޮތުގައި ތަރައްޤީ ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ބިމެކެވެ. އެ ބިމުގައި މީހުން ދިރިއުޅުމަށް ޓަކައި ތަފާތު ތިން ފަންތިއެއްގެ 2500 ހައުސިން ޔުނިޓް އިމާރާތްކުރަން ނިންމާފައިވެ އެވެ.
ގުޅިފަޅުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ރެޒިޑެންޝަލް އޭރިޔާ 2012ގެ ނިޔަލަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ނިންމައި މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީން މަޢުލޫމާތު ދިނެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދެވަނަ ފިޔަވަހި ނިމޭއިރު ވިލިނގިއްޔާއި ގުޅީފަޅު ބްރިޖަކުން ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީން ބުންޏެވެ.