05 Apr 2015, 17:47
ހެންވޭރު ޓްރެކްސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑްކުރީމަތީގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު އެ އެކްސިޑެންޓް ހިނގީ ފެޓްރޯލް ޝެޑް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެތަނުން އެއް ސައިކަލް ދުއްވަން އިނީ އަންހެނަކާއި ފިރިހެނެއް ކަމަށާއި ދެވަނަ ސައިކަލް ދުއްވީ ފިރިހެންކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
މަންޒަރު ދުށް އަދި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހެއް ކަމުގައިވާ މޯލްޑިވްސް ސްވިންމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިން ސްކޫލްގެ އިންސްޓްރަކްޓަރެއް ކަމުގައިވާ އިބްރާހިމް އަހުމަދު 'ސަން' އަށް ބުނީ، އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އަންހެނަކު ފަހަތަށް ލައިގެން ދުއްވި ސައިކަލްގައި އިން ފިރިހެންމީހާއަށް ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ، އެމަގުން ދުއްވާފައި ދިޔަ ޕްރައިވެޓް ކާރަކަށް އަރުވައިގެން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާގެ އަނގައިން ވަރަށް ބޮޑަށް ލޭފައިބަމުން ދިޔަކަމަށް އިބްރާހީމް ބުންޏެވެ.
އަދި ސައިކަލްގެ ފަހަތުގައި އިން އަންހެން މީހާއާއި އަނެއް ސައިކަލް ދުއްވަން އިން މީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ސަން އަށް ވިދާޅުވީ، އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އަނގައިން ލޭ އައިސްފައި ހުރި ކަމަށެވެ. އަދި މިހާރު އެމީހާ ވީ ސީޓީ ސްކޭން ހަދަން ގެންގޮސްފައި ކަމަށާއި ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ބުނަން އިނގޭނެ ސީޓީއަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.