މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާމެޗުގައި މާދަމާރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ އިރު މާޒިޔާއަށް އެ މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށާއި އެހެން ނަމަވެސް އެއީ މޮޅުވުމުން ލިބޭ ފައިސާއަށްޓަކައި ނޫންކަމަށާއ،ި ލިބޭ ރީތި ނަމަށްޓަކައި ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ނިއުއަތުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި މެޗަށް ނުކުންނައިރު ޓީމުގެ ހުރިހާ ކުޅުންތެރީންވެސް ފިޓް ކަމަށެވެ.

"މޮޅުވާން ބޭނުންވަނީ މެޗުން ލިބޭ ފައިސާގެ އިނާމަށް ބަލައިގެނެއް ނޫން. މި މެޗުން މޮޅުވުމުން އެ ލިބޭ ނަމަށްޓަކައި،" މާޒިޔާގެ ކޯޗު ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ޗެރިޓީގެ ގޮތުގައި ކޮންމެ ވެސް ފަރާތަކަށް ހަދިޔާކުރަންޖެހެއެވެ.

މާޒިޔާއިން ކުރަމުން އަންނަ ހަރަދާ ބަލާފައި ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާގެ އިނާމަކީ މާ ބޮޑު އެއްޗެއް ނޫން ކަމަށްވެސް ކޯޗު ސުޒޭން ބުންޏެވެ.

އޭނާ ބުނީ، ސީޒަން ފަށާ މެޗުގައި ނިއުއާ ދެކޮޅަށް މާޒިޔާ ކުޅެން ޖެހުމަކީ މެޗުގެ ފޯރި ގަދަވާނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

މާދަމާ ރޭގެ މެޗަށް މާޒިޔާ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އެ ޓީމުން ހަމައެކަނި ނުކުޅެވޭނެ ކުޅުންތެރިއަކީ ޖަޕާން މިޑްފީލްޑަރު ޓޮޝިއާ ކަމަށް ސުޒޭން ބުންޏެވެ. އެހެން ނަމަވެސް އޭނާ ނެތްތަން މާޒިޔާ އަށް ފޫބެއްދޭނެ ކަމަށް ސުޒޭން ބުންޏެވެ.

"... ޖަޕާން ކުޅުންތެރިޔާ މާދަމާ ނުކުޅޭނެ. އޭނާ ހުން ގަދަ ވުމާ ގުޅިގެން ވޭތުވެ ދިޔަ ދެ ދުވަހުގެ ޓްރެއިނިންގައި ބައިވެރި ވެފައެއް ނުވޭ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، މާޒިޔާގެ ފުރަތަމަ 11 އަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

ޗެރިޓީ ޝީލްޑް ކާމިޔާބު ނުކުރެވުނު ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި މާޒިޔާ އަންނަނީ މަޑު މަޑުން ކުރިއަރަމުން ކަމަށް އޭނާ ބުންޏެވެ.

ޗެރިޓީ ޝިލްޑް ވޭތުވެދިޔަ ދެ އަހަރު ވެސް އުފުލާފައިވަނީ ނިއުރޭޑިއެންޓެވެ.